English Edition
Dhivehi Edition

ގަތަރުގައި މިހާރު ފެށިގެން ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި އިންޑިއާ އާއި ވާދަކުރި މެޗު އޮސްޓްރޭލިޔާއިން ކާމިޔަަބު ކޮށްފިއެވެ.

މި މެޗުގައި އޮސްޓްރޭލިއާއިން އިންޑިއާގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ އޮސްޓްރޭލިއާއިން ނެވެ. އެގޮތުން އިންޑިއާގެ ހާފުގެ ތެރޭގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑުޖެހުމަށް ފުރުސަތު ތަނަވަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އިންޑިއާގެ ޑިފެންސްލައިން ފެނުނީ އެއަށްވުރެ ވަރުގަދަކޮށެވެ. އޮސްޓްރޭލިއާއަށް ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވޭގޮތެއް ނުވިއެވެ.

މި ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންޑިއާއަށެވެ. އެއީ އޮސްޓްރޭލިއާގެ ޓީމު ކުރިއަށް ޖެހިފައި އޮތްވަގުުތު އުފެއްދި ކައުންޓަރ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތެކެވެ. ނަމަވެސް އޮސްޓްރޭލިޔާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ޗެތްރީއަށް ލިބުނު މި ހުސް ފުރުސަތުގެ ބޭނުން ނުހިފުނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

އޮސްޓްރޭލިއާއިން ލީޑު ނެގީ މެޗުގެ ދެވަނަ ހާފުގެ ފެށިގެން ފަސްވަނަ މިނެޓްގައިއެވެ. އޮސްޓްރޭލިއާއަށް ކީޑު ނަގައިދިން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖެކްސަން އިރްވިން އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކުރީ މެޗުގެ 72 ވަނަ މިނެޓުގައިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު ޖޯޑަން ބޮސް އެވެ.

ވުރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާ ދެން ނުކުންނާނީ މިމަހު 18 ވަނަ ދުވަހު ސީރިއާއާއި ދެކޮޅަށެވެ. އަދި އިންޑިއާ ނުކުންނާނީ އުޒްބެކިސްތާނާއި ދެކޮޅަށެވެ.

މިރޭ ގުރޫޕް އޭ ގައި ހިމެނޭ ޗައިނާ އަދި ތަޖިކިސްތާން ބައްދަލުކުރި މެޗު ވަނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައެވެ.