English Edition
Dhivehi Edition

އޭއެފްސީ އޭސިއަން ކަޕް 2023 ގެ ފުރަތަމަ މެޗުގައި ލުބުނާނުގެ މައްޗަށް ކުރިހޯދާ މުބާރާތް ބާއްވާ ގައުމު، ގަތަރުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދާ ފެށުން ރަނގަޅުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމުގައި ކުޅުނު މިމެޗު ގަތަރުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަަޅަށް ކުޅެ، ގިނަ އެޓޭކުތައް އުފެއްދީވެސް ގަތަރުންނެވެ.

ގަތަރުން މި މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ގާތްވެފައި ވަނިކޮށެވެ. އެއީ މެޗުގެ 45 ވަނަ މިނެޓުގައެވެ. ގަތަރުން ލީޑު ނެގި މި ލަނޑު ޖަހައިދިނީ އަލް މުއިޒް އަލީގެ އެހީތެރިކަމާއި އެކު އަކްރަމް އަފީފްއެވެ.

މި ލަނޑާއި އެކު ލީޑުގައި އޮވެ، ގަތަރުން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ ފަހު ހާފުގެ ކުޅުން ފެށިގެން މެޗުގެ 56 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ މުޙައްމަދު ވާޑުގެ އެހީތެރިކަމާއި އެކު އަލް މުއިޒްއެވެ.

މި މެޗުގައި ގަތަރުގެ ފަހު ލަނޑު، އެޓީމުގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރުވަގުތުގައެވެ. މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ގަތަރަށް މި ލަނޑު ޖަހައިދިނީ މި މެޗުގައި އެޓީމަށް ލީޑު ނަގައިދިން ލަނޑުވެސް ޖަހައިދިން އަކްރަން އަފީފްއެވެ.

މެޗުން މޮޅުވެ ގަތަރުން ތިން ޕޮއިންޓު ހޯދިއިރު މުބާރާތުގައި ދެން އެޓީމުން މެޗެއް ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އެދުވަހުގެ ރޭގަނޑު 7:30 ގައި ގަތަރު ނުކުންނާނީ ތަޖިކިސްތާނާއި ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ލުބުނާން ނުކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އެ މެޗު ކުޅޭނީ 17 ވަނަ ސުވަހުގެ ހަވީރު ރާއްޖޭ ގަޑިން 4:30 ގައެވެ.

މި މުބާރާތުގެ ތިން މެޗެއް މިއަދު ވެސް ކުޅެން ހަމަޖެހިފައިވާއިރު، މިއަދު ކުޅެން ހަމަޖެހިފަައިވާ މެޗުތަކަކީ:

16:30 ގައި، އިންޑިއާ – އޮސްޓްރޭލިއާ.
19:30 ގައި، ޗައިނާ – ތަޖިކިސްތާން.
22:30 ގައި، އުޒްބެކިސްތާން – ސީރިއާ.