ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން އިން ރޭ އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ރޭ ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވަނީ ޑްރަގްގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން ނުވަތަ މެތު ކަމަށެވެ.
އަތުލައިގަތް ތަކެތީގެ ބަރުދަނުގައި ޕެކިންއާއިއެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެެއްގެ ޑްރަގް ކަސްޓަމްސް އިން އަންނަނީ އަތުލައިގަންނަމުންނެވެ.