English Edition
Dhivehi Edition
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، އެތަކެތި ބަލައިދިޔަ 35 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅުގެން ކާގޯ ކްލިއާ ކުރަން ދިޔަ ބަންގްލަދޭޝަށް ނިސްބަތްވާ 35 އަހަރުގެ ބިދޭސީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ 33 ޕެކެޓެގައިހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ، ރޭ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެކަމަށެވެ.