English Edition
Dhivehi Edition

އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކ. ފުނަދޫ ތަރައްޤީ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކ. ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރުމުގެ ޚިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމެވުމަށް ރާވާފައިވާކަމުގައެވެ. އަދި އެއާއެކު އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރެވި އެރަށާއި އެއަރޕޯޓާ ދެމެދުގައާއި، އަދި އެރަށާއި މާލެއާ ދެމެދު ބުރިޖުން ގުޅުވާލައި، ފަސޭހަކަމާ އެކީގައި ފަސިންޖަރުން، ކަސްޓަމަރުން، އަދި މުވައްޒަފުންނަށް ދަތުރުކުރެވޭފަދަ ނިޒާމެއް ޤާއިމް ކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން “މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ”ގެ ނަމުގައި އާ އިދާރާއެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިދާރާ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ރާއްޖޭގައި ޤާއިމްކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅުކަމުގައެވެ. އަދި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގުޅީފަޅުގައި ޤާއިމުކުރުމަށް މީގެކުރިން ހަމަޖެހިފައިވާ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް އެޕޯޓު، ބައިނަލްއަޤްވާމީ ފެންވަރުގެ ފުރިހަމަ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.