English Edition
Dhivehi Edition
މަސްވެރިންގެ ދުވަހުގެ ޝުއޫރު ފާޅުކުރުން ފޮޓޯ:އޭއޯ ނިއުސް

“ރެސްކިއު ޑައިވަރ” ފެންވަރަށް މަސްވެރިން ތަމްރީން ކުރާނެ ޑައިވް އިންސްޓްރަކްޓަރުން ހޯދުމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނީ ޑައިވް ކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހާދިސާތައް މަދު ކުރުމުގެ މަގުސަދުގައި، ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިއަކީ “ރެސްކިއު ޑައިވް” ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށްޓަކައި ކުރިއަށް ގެންދަން ރާވާފައިވާ ޑައިވަރ ޕްރޮގްރާމްގެ ދަށުން ރެސްކިއު ޑައިވަރ ފެންވަރުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ކަމަށެވެ.

އެހެންވެ، ޑައިވް އިންސްޓްރަކްޓަރ ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ބޭނުންވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި މިނިސްޓްރީގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހު 11 ޖަހާއިރު، އެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.

މިކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު ”ހަފުތާ 14”ގައި ހިމަނާފައިވާ ކަމެކެވެ.

ދައުލަތުން ޚަރަދުކޮށްގެން، ކުރިޔަށް އޮތް 5 އަހަރަށް ބަހާލައިގެން މި ޕްރޮގްރާމު ކުރިޔަށްގެންދިއުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާއިރު، އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ އެހީ ދޭން ވެސް ކުރިން ވަނީ ނިންމަވާފައެވެ.