English Edition
Dhivehi Edition
މިނިސްޓަރ އެލެކްސާ ބެޗިޗް އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ފޮޓޯ: ރައީސް އޮފީސް

މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އެލެކްސާ ބެޗިޗް އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖެ އާއި މޮންޓަނޭގްރޯއާ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ވެސް، ކުދި ގައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންތައްތައް ބެޗިޗްއާ ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ލިބުނު އިންތިހާބީ ކާމިޔާބީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފަށް މިނިސްޓަރ އެލެކްސާ ބެޗިޗް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި، ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯ ގެ މަޖިލިސްކުރާގެއަށް ވެސް ޒިޔާރަތްކުރެއްވިއެވެ. އަދި، އެ ގައުމުގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލަކުރެެއްވުމުގައި މަޖިލިސް ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ރާއްޖޭގެ މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އިންތިޚާހާބުވެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި މޮންޓަނޭގްރޯ އާ ދެމެދު ގުޅުން ބަދަހިކުރެެއްވުމަށް ބޭނުންފުޅުވާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް މޮންޓަނޭގްރޯގެ ސަރުކާރުގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮންޓަނޭގްރޯގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.