English Edition
Dhivehi Edition
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ފޮޓޯ: ރައީސް އޮފީސް

ފަސް އަހަރަށް ބަހާލައިގެން ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގެ ތަމްރީނު ދޭން ސަރުކާރުން ނިންމާފައިވާކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި، ފިޝަރީސް މިނިސްޓަރީން އެކަން ހުށަހަޅާފައިވާކަމަށެވެ. މި ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން، އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ފެންވަރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް އިއްޔެ ނިންމާފައިވާ ކަމަށް ނާޒިމްވަނީ ވިދާޅުވެފައެވެ،

ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެން ހިންގޭ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިކަމަށް ދައުލަތުން ހަރަދުކޮށްގެން ސަރުކާރު ގަބޫލުކުރާ ޓްރައިނިން ސެންޓަރުތަކުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދިވެހި މަސްވެރިން ވެސް ފީނުމުގައި ވައި ފުޅިއަޅައިގެން ފީނަމުންދާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެކަމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިތާމަވެރި ހާދިސާތަކާ ދިވެހި މަސްވެރިންނަށް ކުރިމަތިވަމުންދާ ކަމަށެވެ.