English Edition
Dhivehi Edition
އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 22:10 ހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝް ކަމަށެވެ. އަދި ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ނައީޝް ހޯދުމުގެ މަސަައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް “ދޮށިމޭނާ” އާއި “ހާބަރކްރާފްޓް 105″، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ ނައީޝް އާއި ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުން އެދެމެވެ. އަދި މީނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ. ފެކްސް ކުރައްވާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރެއްވުން އެދޭކަމަށެވެ.