English Edition
Dhivehi Edition

ފަލަސްތީނުގެ ގާޒާއަށް ކުރިމަތިކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް، އ.ދ.ގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިިފިއެވެ.

އުޔޯކްގައި ކުރިއަށްދިޔަ އ.ދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ އ.ދ. ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާތީ، މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އ.ދ.ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުންދާކަމުގައެވެ.

ގެ 78 އަހަރު ކުރިން އ.ދ. އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ، އެކަން ކަށަވަރުކުރުމަށްކަމުގައި ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމުގައެވެ. ހަމަ އެއާއެކު ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، ރާއްޖެއިން ގޮވާލާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

7 އޮކްޓޫބަރު 2023 ގެ ކުރިން ވެސް އިސްރާއީލުގެ ބާރުގެ ދަށުން ފަލަސްޠީނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އިންސާނީ ޙައްޤުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ. ހަމަ އެއާއެކު، އާންމު ރައްޔިތުންގެ ޙިމާޔަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގައި ހިފަހައްޓައި އެ ޤާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތްތަކަކަށްވެސް ބާރުއެޅުއްވުން އިތުރުކުރުމަށް އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގަތެވެ،

މީގެ އިތުރުން ޤަވާއިދާ ޚިލާފަށް ފަލަސްޠީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްޠީނުގެ އިޤްތިޞާދު އެކަހެރިކުރުން ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް، ބައިނަލްއަޤްވާމީގޮތެއްގައި ބާރުއެޅުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ،

ރައީސްގެ މި މެސެޖުގައި، ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ޙައްޤު ޙާޞިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު ސާބިތުކަމާއެކު އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ރައީސް ވަނީ ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.