މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މިފަދައިން ވިދާޅުވީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމާފައިވާ ސަރުކާރެއް ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ކުރަން ޖެހޭ ކަންކަމާއި ބަލަންޖެހޭ ކަންކަން ބަލާފައި ރާއްޖޭގެ ގާނޫނާއި އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ކުރީގެ ގިނަ ސަރުކާރުތަކުން ވެސް ވަނީ ވާހަކަތައް ދައްކަވާފައެވެ. އެގޮތުން ޕީޕީއެމްގެ ކުރީގެ ސަރުކާރުން ވެސް މަރުގެ އަދަަބު ތަންފީޒު ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ސަރުކާރަށް އެކަން ކާމިޔާބުވެފައެއްނުވެއެވެ.
ރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ފަސް މީހުން އެބަތިއްބެއެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ނުކުރެވޭތީ އެ މީހުން ތިބީ މުޅި އުމުރު ދުވަހަށް ޖަލުގައި ބަންދުކޮށްފައެވެ.
އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުން ރާއްޖޭގެ ގާނޫނު އަސާސީގައި އޮތީ ތަންފީޒު ކުރުމަށް ހުރަސް އެޅޭގޮތަށް ކަމަށްބުނެ އެ ހުރަސް ކުރިމަތިވާ މާއްދާ ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ބާތިލްކޮށްފައެވެ. އެ ކޯޓުން ބާތިލްކުރީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ.
އެ މާއްދާގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާ ނަމަ، ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ އެވެ.