English Edition
Dhivehi Edition

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ އާދަމް މަޒްވަރީ ޖައުފަރު ސާދިގު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަގިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާ އަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްރީލަންކާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްރީ ލަންކާ ސަފީރު ހިޒް އެކްސެލެންސީ އާދަމް މަޒްވަރީ ޖައުފަރު ސާދިގު ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.