English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެން ރަނގަޅަށް ސަރުކާރު އެކުލަވައިނުލެވި އުޅެނިކޮށް އަޒުލުކޮށް މަގާމުން ދުރުކުރުމުގެ ވާހަކަދެއްކުމަކީ ‘ހަޑިހުތުރު’ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އެގޮތަށް ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވާ ގޮތަށް އާންމު ކޮމިޓީން ވަނީ ތިން އިސްލާހެއް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ. އެ މައްސަލައިގައި ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވަނީ މަޖިލީހުން މި ވަގުތު ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ރައީސް އަޒުލުކުރުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ރައީސް އަޒުލުކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ބަހުސް ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް މުއިއްޒު އަޒުލު ކުރަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. ރައީސް މުއިއްޒު، ރައީސުލްޖޫމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވިތާ އަދި މާ ގިނަ ދުވަހެއް ނުވާ ކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓާއި ރުހުން ދިނުން ވެސް އަދި މަޖިލިހުން ފުރިހަމަ ނުވާ ކަމަށާއި ވަޒީރުންނަށް ރުހުންދީ ސަރުކާރަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ

ގާސިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސްގެން އަޒުލުކުރަން ފަސޭހަވާނެ ގޮތަށް ގަވާއިދު ބަދަލުކޮށްގެން އެ މަސައްކަތްކުރުމަކީ ‘ހަޑިހުތުރު’ ކަމެއް ކަމަށެވެ. އަދި ގާސިމް ވަނީ އަޒުލުކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރާނަމަ އެކަމެއް ހުއްޓައިލަން ގޮވާލައްވައިފައެވެ.

ގާސިމް ވިދާޅުވީ، މި ވަގުތު ސަރުކާރުން ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ވަޒީރުންގެ މަޖިލީހަށް ރުހުންދިނުން ކަމަށެވެ. އެ މަސައްކަތް އަވަސްކުރަން އެ މަނިކުފަނު ވަނީ ގޮވާލައްވައިފައެވެ.