English Edition
Dhivehi Edition

ސާނަވީ މަރުހަލާ ނިންމާފައިވާ އަދި މަތީ ސާނަވީގެ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް، އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ނިންމުން ނިންމާފައި މިވަނީ ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ޚުތުބާ ކިޔުމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވަނީ ވަކި ސަނަދަކާއިއެކުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުކުރު ޚުޠުބާ ޓީވީން ދައްކާއިރު، އޭގެ އިނގިރޭސި ތަރުޖަމާ ފެންނަގޮތަށް ހެދުމަށްވެސް ނިންމަވާފައެވެ. އެގޮތުން، އަންނަ އަހަރުގެ ޖެނުއަރީ ވަނަ ދުވަހުން ފެށިގެން، ޓީވީން ޚުޠުބާ ދައްކާއިރު، އިނގިރޭސި ސަބްޓައިޓަލް އެރުވުމަށް އެވުޒާރާއިން ވަނީ ނިންމަވާފައެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޝަހީމް ވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.