ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ކައިރިއަށް ޓެކްސީ ކައިރިކުރެވޭނެ އިންތިޒާމު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައިފިއެވެ.
މިއަދުން ފެށިގެން ވަނީ މި ގޮތަށް އަމަލު ކުރަން ފަށާފައެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު މއިަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މިއީ އެއާޕޯޓުން ޚިދުމަތް ހޯދާ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަސައްކަތް ފެށުމުގެ މަގްސަދުގައި ފެށި މަސައްކަތެއް ކަމަށެވެ.
އަދި މިބަދަލު ގެނައުމަށް ނިންމާފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންގައި ބާރު ބޮޑުނުވާނެގޮތަށް ބަލައިގެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެތެރޭގެ އުދުހުމުގެ ގިމަތައިގެ ކައިރިއަށް ފުރަން އަންނަ މީހުންގެ ކާރުތަކަށް މަޑުކުރެވޭ ގޮތް ހެދުމަކީ ގޮންޖެހުން ބޮޑު ކަމަކަށްވީ ނަމަވެސް، އެ މަސައްކަތް ކުރަނީ އެމްއޭސީއެލްގެ ހުރިހާ ސެކްޝަނަކާއި، އެއާޕޯޓް ސެކިއުރިޓީގެ އިތުރުން ފުލުހުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
“އެންމެ ބޮޑު އަމާޒަކީ އެ ގިމަތައިގެ ބޭނުންކޮށްގެން އެއާޕޯޓަށް އަންނަ މީހުންނަށް ނުވަތަ އެރައިވަލްސް ވެސް ލުއި ފަސޭހަ ކުރުމަށް ޓެކްސީ އަދި ކާރުތައް އެތަނުން ނެގޭނެ ގޮތެއް ހެދުން . އެހެން ނަމަވެސް އެކަން ކުރެވޭނީ އެއާޕޯޓަށް ބޭނުންވާ އިތުރު ގިނަ މަސައްކަތްތަކެއް ކުރެވިގެން ” ޝަރީފު ވިދާޅުވިއެވެ.
އަލަށް ގެނައި ބަދަލާއެކު ފުރަންދާ މީހުން ގޮވައިގެން ޑޮމެސްޓިކް ޓަރމިނަލަށްދާ ޓެކްސީތައް އަނބުރާލަން ޖެހޭނީ އެއަރޕޯޓުގައި ހުންނަ ބުރުޒު ކެފޭ ކައިރިންނެވެ. މިއޮޕަރޭޝަން މޮނީޓަރކޮށް ޓެކްސީތަކަށް އެހީވުމުގައި 3 ޕޮއިންޓަކުން އެއަރޕޯޓުގެ މުވައްޒަފުން ޙަރަކާތްތެރިވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.