މިމަހު 15 އިން 17 އަށް ޗައިނާގެ ޝެންޒެންގައި ބާއްވާ “ސައުތު އޭޝިއަން ރޯވިން ކޯސްޓަލް ކޮމްޕެޓިޝަން” ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ރޯވިންޓީމް މިއަދު ޗައިނާއަށް ފުރައިފިއެވެ.
ޓީމް ފުރުމުގެ ކުރިން ގަންއިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މި މުބާރާތަށްދަނީ ހަމައެކަނި ބައިވެރިލަން ނޫންކަމަށެވެ. އޭގެ ބަދަލުގައި އެހެންޓީމްތަކާ ވާދަކޮށް ކުރިން ހޯދިފައިނުވާ ކުރިއެރުންތަކެއް ދިވެހި ޓީމަށް ހޯދައިދިނުމަކީ މިމުބާރާތުގެ އެންމެ މުހިންމު ލަނޑުދަނޑި ކަމަށް އޭނާ ވިދާޅުވިއެވެ. “މިފަހަރު މިދަނީ ހަމައެކަނި ބައިވެރިލާކަށްނޫން. މިދަނީ އެހެންޓީމްތަކާ ހަމަވާދަކުރަން. ވާދަކޮށްގެން ރަނގަޅު ހިސާބަކަށް ޓީމް ގެންދިޔުމަކީ މިފަހަރުގެ އެންމެބޮޑު އުންމީދު،” ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޓީމުގައި ވިއެޓްނާމު މުބާރާތުގައި ވާދަކުރި އެތުލީޓުން ހިމެނޭ ކަމަށެވެ. އެހެން ކަމުން އެކުދިންގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން މިމުބާރާތުގައި އެހެން ޓީމުތަކަށް އެކަށީގެންވާ ފައިޓެއް ދެވޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށެވެ. “މިޓީމުގައި އެބަތިބި ވިއެޓްނާމް މުބާރާތުގައި ވާދަކުރި ކުދިން. އެކުދިންގެ ތަޖުރިބާއާއި ހުނަރަކީ މުމުބާރާތަށްއޮތް ވަރަށްބޮޑު އުންމީދެއް. ރޯވިންއަކީ ރާއްޖެއަށް ކިތަންމެ އައު ކުޅިވަރަކަށްވިޔަސް މިޓީމުން ރަނގަޅު ވާދައެއް މިފަހަރުކުރާނެ އިރާދަކުރެއްވިއްޔާ. މުޅި ޓީމްވެސްއޮތީ ގައުމީ ރޫހުގައި،” ހަބީބު ވިދާޅުވިއެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރަށް އޭޝިއާ ބައްރުގެ ވަރަށްގިނަ ގައުމުތަކުންވެސް ވާދަކުރާ ކަމަށް ހަބީބު ވިދާޅުވިއެވެ.
މިއަދުފުރި ޓީމުގައި ހިމެނެނީ 8 އެތުލީޓުންނާއި 3 އޮފިޝަލުންނެވެ. ޓީމްގެ ކޯޗަކީ ޕޮލިސް ކޯޕްރަލް ހަސަން ޝިޔާނެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ސީނިއާކެޓަގަރީގައެވެ. މިއީ ސައުތު އޭޝިއާގައި ބާއްވާ ރޯއިންގެ ފުރަތަމަ ކޯސްޓަލް މުބާރާތެވެ.