English Edition
Dhivehi Edition

ޑރ މުފްލިޙާ އާއި އެކު ސުވާލެއް، މި ސެގްމެންޓްގެ 7 ވަނަ ބައިގައި މިގެނެސްދެނީ ދިވެހިރާއްޖޭގައި ހެދޭ ބަނޑުގެ ސްކޭންތަކުގައި ނިސްބަތުން މާގިނަ ނޫންކަމުގައި ވީނަމަވެސް ފެންނަ ގޯލްބްލެޑަރގެ ޕޮލިޕާއި ބެހޭގޮތުންނެވެ.

ޑރ މުފްލިޙާ އަކީ ރެޑިއޮލޮޖީގެ ރޮނގުން ހާއްސަ ވެފައިވާ ޑޮކްޓަރެކެވެ. ރެޑިއޮލޮޖިސްޓުންނަކީ އިމޭޖިން (އެކްސްރޭ، އެމް.އާރ.އައި، ސީ.ޓީ ކަހަލަ ވަސީލަތްތައް) ބޭނުންކޮށްގެން ބަލި ދެނެގަންނަ ޑޮކްޓަރުންނެވެ. ޑރ މުފްލިޙާ ގަބޫލުކުރައްވަވާ ގޮތުގައި ބަލި މީހާ އަށް ތަފްސީލްކޮށް އޭނާ އަށް ދިމާވެފައިވާ ހާލަތު ބަޔާންކޮށް ދިނުމަކީ ވަރަށް މުހިންމުކަމެވެ. ވުމާއެކު ސިލްސިލާކޮށް ގެނެސްދޭ މި ސެގްމެންޓްގައި ގެނެސް ދެވޭނީ ދިވެހިރާއްޖެއިން އާންމުކޮށް ފެންނަބައެއް ބަލިތަކާއި އިމޭޖިން ބޭނުންކޮށްގެން ކުރެވޭ ތަހުލީލްތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ.

ގޯލްބްލެޑަރގެ ޕޮލިޕަކީ ކޮބާ؟

މިއީ ގޯލްބްލެޑަރގެ (ދިވެހިން ކިޔާ އުޅެނީ “ފިތް”) އެތެރެ ފަށަލައިގައި ދުޅަވެފައި ހުންނަ މަސްކޮޅަކަށް ކިޔާ ނަމެކެވެ. އާންމު ގޮތެއްގައި 40-50އަހަރުގެ އުމުރުފުރައިގާ ގިނައިން އަންހެނުންގެ މެދުގައި ފެންނަ ހާލަތެކެވެ.

މި އުފެދެންދިމާވަނީ ކީއްވެ؟

މައިގަނޑު ސަބަބެއް އަދި ހޯދިފައި ނުވާހިނދު ދިރާސާތަކުން ދައްކާ ގޮތުން ފާހަގަ ކުރެވޭ ބައެއް ސަބަބުތައް ބަޔާންކޮށްލާނަމެވެ.

* ހަށިގަނޑުގައި ކޮލެސްޓެރޯލްގެ ބައި މަތިވުމުގެ ސަބަބުން “ކޮލެސްޓެރޯލް ޕޮލިޕް” ފިތުގައި އުފެދެން ދިމާވެއެވެ. މިއީ ނިސްބަތުން އެންމެ ގިނައިން ފެންނަ ވައްތަރުގެ ބާވަތެވެ.

* ފިތުގައި އިންފްލަމޭޝަންގެ އަސަރު ހުންނަ ފަރާތްތަކުގެ މެދުގައި “އިންފްލެމޭޓޮރީ ޕޮލިޕް” އޭ ކިޔުނު ވައްތަރު ފެނެއެވެ. މިއީ ފިތުގެ ހިލައުފެދި ފިތް އަވަސް އަވަހަށް ދުޅަވާގޮތް ހުންނަ ފަރާތްތަކުގެ މެދުގައި ފެންނަ ވައްތަރެކެވެ.

* “އެޑެނޯމާ” އޭ ކިޔޭ ވައްތަރަކީ ހަށިގަނޑަށް ފެތުރޭ ގޮތް ނުހުންނަ ( ކެންސަރުކަމުގައި ނުވާ) ފިތުގެ އެތެރެފަށަލައިގައި އުފެދޭ މަސްކޮޅެކެވެ. މިވައްތަރުގެ %0.5 ކެންސަރަށް ބަދަލުވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

ފެންނާނެ އަލާތްމާތްތަކަކީ ކޮބާ؟

އާންމުގޮތެއްގައި ޕޮލިޕު ހުންނަކަށް އެނގެނީ އެހެން ކަމަކު ބަނޑުގެ އަލްޓްރަސައުންޑެއް ހަދާލެވޭއިރުގައެވެ.

ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި:

– ބަނޑުގައި ރިއްސުން(ކަނާތުފަޅީ ގެ މަތީ ސަރަހައްދު)- މިއީ ކުރިންދެންނެވި އިންފްލެމޭޓަރީ ޕޮލިޕްހުންނަ ފަރާތްތަކުގެ މެދުގައި ނޫނީ ޕޮލިޕް އުފެދިފައި ވަނީ ފިތާއި ގޮހޮރާއި ގުޅުވާ ދޭ ހޮޅި (ސިސްޓިކް ޑަކްޓް) ބެދޭ ސަރަހައްދުގައި ކަމަށް ވަނީ ނަމަ ފެނިދާނެ އަލާމާތެކެވެ.

– ރީނދޫވުން: މިއީ ވެސް ކުރިން ދެންނެވި ހޮޅިބެދޭ ސަރަހައްދުގައި ވާނަމައެވެ.

– ހުންއައުން؛ މިއީ ކުރިން ދެންނެވި އިންފްލަމޭޓަރީ ޕޮލިޕް އުފެދިފައިވާ ފަރާއްތަކުގެ މެދުގައި ފެންނަ އަލާމާތެކެވެ.

ފިތުގެ ޕޮލިޕް ހުރިކަން ދެނެގަންނާނީ ކިހިނެއް؟

  1. އަލްޓްރާ ސައުންޑް ސްކޭންގެ ޒަރިއްޔާއިން:

މިއީ އެކްސްރޭ ރޭޑިއޭޝަންގެ ނުރަގަނޅު ދޯދީގެ އަސަރުނުލިބޭ ފަސޭހަކަމާއިއެކު ފިތުގެ އެތެރެފަށަބަލާލެވާ ވަސީލަތެކެވެ. ޕޮލިޕް އުފެދިފައި ހުރީ ކޮންތާކުތޯ، އަދަދު، ސައިޒް (ވަރަށް މުހިންމު ސިފައެއް ބެލުން، އެއީ އާންމު ގޮތެއްގައި ކެންސަރަށް ބަދަލުވާ ޕޮލިޕް ސައިޒުން 18 މިލިމީޓަރަށް ވުރެބޮޑުވާނެ)، ހޮޅި ބެދޭ ސަރަހައްދެގައި ތޯ، ހޮޅި ބެދިފައިވޭތޯ، ހިލަ ހުރިތޯ އަދި ފިތުގެ އެތެރެފަށަލައި ގައި އިންފްލަމޭޝަންގެ އަސަރު ހުރިތޯ ބެލިގެންދެއެވެ.

އަދި އެހެންމެ އޮންނަ އުސޫލެއްގެ މަތިން ސައިޒަށް އަންނަބަދަލު ބެލުމަށްވެސް މިވަސީލަތް ބޭނުން ކުރެވެއެވެ. މިސާލަކަށް ފުރަތަމަ 6 މަސް ދުވަހު ދެން އަހަރަކު އެއްފަހަރު ގޮތަށް މޮނީޓާ ކުރެވެއެވެ. މިއީ ޕޮލިޕުގެ ސައިޒަށް ބަލާ ކަނޑައެޅޭ އުސޫލެކެވެ.

  1. ސީޓީ ސްކޭން:

މިއީ އެކްސްރޭ ރޭޑިއޭޝަން ދޯދީގެ ނުރަގަނޅު އަސަރު ލިބިގެންދާ ވަސީލަތެކެވެ. މި ވަސީލަތްބޭނުން ކުރެވޭނީ ޕޮލިޕްގެ ސައިޒާ އަދި ބެލޭ އެހެނިހެން ސިފަތަކުން ކެންސަރުގެ އަލާމާތައް ޝައްކުކުރެވެނީ ނަމައެވެ. ޢެހެންމެ ކުރިން ދެންނެވި އިންފަލަމޭޝަން އަދި ހޮޅިބެދިގެން ދެން ކުރިމަތިވާ ހާލަތްތައް އިތުރަށް ބެލުމަށެވެ.

ފިތުގެ ޕޮލިޕަށް ދެވެނީ ކޮންފަރުވާއެއް؟

ގިނަފަރާތްތަކުގެ މެދުގައި އެއްވެސް އަލާމާތެއް ފެންނަން ނުހުންނަ އިރު ފަރުވާ ބައްޓަން ކުރެވިފައިވަނީ ކުރިން ދެންނެވި ގޮތަށް ސައިޒަށް ބަދަލުއައުމާއި ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލާ ބަދަލު އަންނަނީ ނަމަ ފިތް ނެގުމުގެ އޮޕަރޭޝަނެވެ. ނުފަޅާ (ލެޕަރޮސްކޮޕިކް ސާޖަރީ) އަދި ފަޅައިގެން ކުރެވޭ އޮޕަރޭޝަންހިމެނެއެވެ.

އިސްވެބަޔާން ކުރިގޮތަށް ފެނިދާނެ އަލާމާތެއް އަދި މިހާލަތު ދިގުލައިގެން ދިއުމުން ދެން ދިމާވާ ކަންކަން (ކެންސަރަށް ބަދަލުވުން، ބައިލް ގެންދާ ހޮޅި ބެދުން، ޗިސްމޭ ދުޅަވުން ފަދަ) މިއީ ދޭދޭ ފަރުދެއްގެ ދެމެދުގާ ފަރަގުވާ ކަންކަމަށް ވާތީ ޑޮކްޓަރުގެ (އޮޕަރޭޝަން ޑޮކްޓަރުން) އިރުޝާދުގެ ދަށުން އެ ބަލިމީހާގެ ހާލަތައް ރިޔާއެއްކޮށް ފަރުވާ ބައްޓަންކުރެވެއެވެ.

އެންމެގިނައިން ފެންނަވައްތަރަކީ ކޮލެސްޓޮރޯލް ޕޮލިޕް ކަމުގައި ވެފައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ރަގަޅު ބަދަލުގެނައުމަކީ މިހާލަތު ނޫނަސް ވަރަށް ގިނަ ގައިންގަޔަށް ނާރާ ބަލި މަދުކުރެވޭކަމެއްކަމަށް ވާތީ، މިންހެޔޮ ކާނާ އަދި މަދުވެގެން 30 މިނެޓް ހަފުތާއަކު 5 ދުވަހު ކަސްރަތުކުރުމަށް އާދަ ކުރައްވާށެވެ.