މިދާވަރުންދާނަމަ މީގެ ވިއްސަކަށް ތިރީހަކަށް އަހަރުފަހުން މިގައުމުގައި ދިވެހިން ދިރިއުޅޭނެ ކަމާއިމެދު ޝައްކު ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެެވެ.
އޭނާ މިހެން ވިދާޅުވީ ގާސިމް އިބްރާހިމް ހދ. އަދި ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ހދ. ހިރިމަރަދޫ ގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ވިސާގެ މުއްދަތު ހަމަވެގެން ހައްޔަރު ކުރި މައްސަލައަށް އަލިއަޅުވާލައްވާ ވިދާޅުވީ ގައުމެއްގައި ވިސާއާ ނުލައި އެހެން ގައުމެއްގެ މީހުން އުޅޭކަމަށްވާނަމަ އެ ގައުމެއްގެ ބޯޑަރެއްގެ އިމިގްރޭޝަނެއްގެ މިނިވަންކަމެއްގެ ބޭނުމެއްނެތް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި މިހާރު ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި އޭނާ ވިދާޅުވީ ގައުމުގައި ވިސާއާ ނުލައި ބޭރު ބަޔަކު އުޅޭނަމަ މިިނިވަންކަމެއްގެ ބޭނުމެއް ނެތްކަމަށެވެ.
“އަޅުގަނޑުމެން ވަރަށް ގިނަ ދުވަސްވެއްޖެ ބޮޑުވަރިހަމައިގައި ތިބޭތާ. މިހާރު މި މައްސަލަ ލައްކައިން މައްޗަށް އަރައިފި. މި ސަރުކާރުން ބުންޏެއް ނޫންތޯ މި މައްސަލަ ހައްލު ނުވެއްޖެނަމަ އިސްތިއުފާދޭނެކަމަށް.” އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ބިދޭސީންގެ މައްސަލަ މިހާ ބޮޑުއިރުވެސް މިމައްސަލަ ހަރުދަނާގޮތެއްގައި ބެލޭނެ ގާނޫނެއް ނެތުމުން އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވާފައެވެ. އަދި މިދާވަރުންދާނަމަ މީގެ ވިއްސަކަށް ތިރީހަކަށް އަހަރުފަހުން މިގައުމުގައި ދިވެހިން ދިރިއުޅޭނެ ކަމާއިމެދުވެސް އަލީ ވަނީ ސުވާލު އުފައްދަވާފައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަމެއް މިހާރުކުރަނީ ބިދޭސީން ކަމަށާއި ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ހިފަހައްޓަނީ ވެސް އެމީހުން ކަމަށެވެ. އަދި ރާއްޖޭގައި ވިއްކާ ތަކެތީގެ އަގު ކަނޑައަޅާ އެތަކެތީގެ އަގު ހިފަހައްޓަނީ ބިދޭސީން. ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް ރާއްޖޭގެ ވެރިކަމުގައި މިވަގުތު ތިއްބެވި ފަރާތްތަކުން މިފަދަ ކަންކަމަށް އިޖާބައެއް ނުދެއްވާ ކަމަށާއި އަދި ބިދޭސީންގެ މައްސަލަ ހައްލު ކުރަން ވެސް ނޫޅޭ ކަމަށް ވިދާޅުވިއެވެ.