English Edition
Dhivehi Edition
ޑރ.މުހައްމަދު މުއިއްޒު

އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަނެ އެ ގައުމުގައި ކުރަމުން ގެންދާ ހަނގުރާމަ އާއި ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވީ އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްޠީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއް ކަމަށެވެ. ރައީސް ވަނީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ ކަމެއް ކަން ފާހަގަ ކުރައްވައި، އެ ޤައުމުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، އެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި، ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، ފަލަސްޠީނުގެ މުސްތަޤިއްލު މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވެއެވެ. މިގޮތުން، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ޤާއިމުކޮށްފައިވާ ކަމާއި، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިސްރާއީލުން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުންވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.