ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އަދި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިގޮތުން، ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސް އާއި ހިއްސާކޮށްފައެވެ.
މި ގޮތުން ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ވަނީ ހިއްސާކޮށްފައެވެ. އަދި އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ގައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ތަމްރީނުގެ ފުރުސަތުތަކާއި، ސްކޮލާޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދިނުމަށް ދިވެހިން ވަނީ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ވިދާޅުވެފައެވެ. އަދި ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ހާއްސަކޮށް 30 ސްކޮލާޝިޕް ފުރުސަތު ދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސްކޮލާޝިޕްއަށް އަންނަ ޖެނުއަރީ މަހު ފުރުސަތު ހުޅުވާލާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ތުރުކީވިލާތަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސްވަނީ މުސްތަޤުބަލުގައި ތުރުކީވިލާތާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.