މެދު އިރުމަތީގެ މަސްރަހު ހޫނުވެ މިހާރު އެ ސަރަހައްދުގައި ހިގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިވަގުތު މަސްޖިދުލް އަޤުޞާއަށް ދަތުރުކުރުމަކީ އެންމެ ރައްކާތެރި ކަމެއްކަމުގައި ނުފެންނަކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް އަންގަވާފައިވަނީ ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ނިންމުމުން އެ ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެފައިވާތީއެވެ. މި ސަބަބާ ގުޅިގެން ރާއްޖޭން އުމުރާ ދަތުރުތައް އިންތިޒާމުކުރާ ފަރާތްތަކުން އަޤުޞާ މިސްކިތަށް ޒިޔާރަތް ކުރަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްވެސް އިސްލާމިކް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.
ކަމާ ބެހޭ ފަރާތްތަކުން ވަކިގޮތެއް އަންގަންދެން ތިން ހަރަމަށް ދަތުރުކުރުމުގެ ގޮތުން އަޤުޞާ މިސްކިތަށް ޒިޔާރަތް ކުރާ ގޮތަށް އިންތިޒާމު ކުރާ އުމުރާ ދަތުރުތައް އިންތިޒާމު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. އިސްލާމިކް މިނިސްޓްރީން އެގޮތަށް އަންގާފައިވީ ނަމަވެސް ބައެއް ފަރާތްތަކުން މިހާރު ވަނީ ތިން ހަރަމް އުމުރާ ފައިސާ ދައްކައި، ބައެއް ފަރާތްތަކުން ވަނީ ދަތުރުވެސް ފަށާފައެވެ.
މުސްލިމުންގެ ފުރަތަމަ ޤިބްލަ މަސްޖިދުލް އަޤުޞާ ހުންނަ ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގެންފައިވާކަން އެ ޤައުމުގެ ރައީސް ޑޮނަލް ޓްރަމްޕް އިއުލާންކުރެއްވީ މިދިޔަ ބުދަދުވަހުއެވެ. ޓްރަމްޕް މި ނިންމެވުން ނިންމަވާފައިވަނީ މުޅި ދުނިޔެ އެކަމާއި ދެކޮޅު ހަދަމުންދަނިކޮށެވެ. އަދި މި ނިންމުމާއި ދެކޮޅަށް ދުނިޔޭގެ އެކިކަންކޮޅުންގައި އިހްތިޖާޖްތައް ބާއްވަމުންދާއިރު ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރާއީލު ސިފައިންނާއި ދެމެދުވެސް އަންނަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.