English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ދެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ފޭދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ކަމަށެވެ. . މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ދިވެހި 8 ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 20 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުުރުން 31 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާ އަދި 45 އަހަރުގެ މީހެކެވެ.

އެ މީހުން ހައްޔަރުކޮށް އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ހަތަރު ދަޅު އަދި ކަރުދާސްކޮޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކާ ގުޅުންހުރި އެހެން ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 17 ވަނަ ދުވަހުގެ ރޭ އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި އެހެނިހެން ތަކެތި ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ މި މަހު 15 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާ މަސައްކަތްކުރާ ބޯޓު ބަލައިފާސްކުރި ކުރުމުންނެވެ.

މި ދެ މައްސަލަވެސް ފުލުހުންގެ ދަނީ ތަހުގީގު ކުރަމުންނެވެ.