English Edition
Dhivehi Edition

އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވަމުން އަންނަ ދެ ހެލިކޮޕްޓަރުގެ އެހީގައި މިހާތަނަށް އެތައް ބަލި މީހުންނެއް އުފުލާފައިވާ ކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ފާހަގަ ކުރައްވަވައިފިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި އިންޑިއާ ހައި ކޮމިޝަންގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އަދާކުރާ ރޯލުގެ މައްޗަށް އަލިއަޅުވައިލައްވަވައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ގެއްލިގެން އުޅޭ މީހުން ހޯދުމަށް އޮޕަރޭޝަންތައް ހިންގުމަށާއި ހާލު ބޮޑު ބަލި މީހުން އުފުލުމަށް އެމްއެންޑީއެފްގެ ދެ ހެލިކޮޕްޓަރު އަދާ ކުރާ ދައުރު ރައީސް ވަނީ ފާހަގަކުރައްވަވާފައެވެ.

ދިވެހި ސިފައިންގެ ކޮމާންޑުގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވަމުން އަންނަ މި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ލ. ކައްދޫގައި އޮންނަ އިރު، އަނެއް ހެލިކޮޕްޓަރު އޮންނަނީ އައްޑޫ ސިޓީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ އަރިހަށް، އިންޑިއާގެ މިނިސްޓަރ އޮފް އަރތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ އިއްޔެ ކުރެއްވެވި އިޙްތިރާމްގެ މި ޒިޔާރަތުގައި އިންޑިއާގެ މިނިސްޓަރ ވަނީ، ވެހިރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭކަން ފާހަގަ ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފާއިތުވި ސެޕްޓެމްބަރު މަހު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގިނަ ދިވެހި ރައްޔިތުން ވޯޓު ދީފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުގެ ފަރާތުން އެދޭނެ ކަމުގެ އުއްމީދާއެކު ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް މިއެދުމަށް އިޖާބަދޭނެކަމުގެ އުންމީދު ކުރައްވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލު ވުމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ޝްރީ އަރިންދަމް މީގެކުރިން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންގެ އެހީގައި ރާއްޖޭގައި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުން 523 ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރިއިރު، 450 މިޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަރިންދަމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ކަމަށެވެ.