ރާއްޖެއާއެކު ގާތުން މަސައްކަތް ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އިންޑިއާގެ އަވައްޓެރި ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ޖައިޝަންކަރު ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައި ވިދާޅުވީ, ދިއްލީއަށް ރައީސް ވަޑައިގަތުމަށް އުފާ ކުރައްވާ ކަމަށާއި ގުޅިގެން ގާތުން މަސައްކަތް ކުރަން ބޭނުވެ ވަޑައިގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ