English Edition
Dhivehi Edition
އިސްލާމީ މިނިސްޓަރު ކަމުގެ ހުވާގެ ފަތްކޮޅުގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއި ކުރައްވަނީ

ގދ. ތިނަދޫގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ޢިމާރާތްކުރެއްވި އިސްލާމީ މަރުކަޒު ، އިސްލާމީ ޙަޟާރަތާއި ޘަޤާފަތުގެ މަރުކަޒަކަށް ބަދަލު ކުރައްވަން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް ގދ. ތިނަދޫ އިސްލާމީ މަރުކަޒު، އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)ގެ ދަށަށް ބަދަލުކުރައްވަަން ނިންމަވާ ކަމަށެވެ. އެކަމުގެ ސަބަބުން އިސްލާމީ އިލްމު އުނގެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ ގޮތް ފަހިވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ތިނަދޫގައި ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީ ކުރި އިސްލާމީ މަރުކަޒު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މަސައްކަތެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. ޝަހީމް ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުގެ އިސްލާމިކް މިނިސްޓަރު ކަމަށް ރޭ ހުވާ ކުރައްވާފައެވެ.