English Edition
Dhivehi Edition

ކުރިޔަށް އޮތް އެއްގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލް ހުސްކުރުމަށް އިސްރައީލުގެ އަސްކަރިއްޔާއިން އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން ހިޞާރު ކޮށްފައިވާ ޝިފާ ހޮސްޕިޓަލް ކުރިޔަށް އޮތް އެއްގަޑިއިރުގެ ތެރޭގައި މީހުންނާއި ތަކެތި އެތަނުން ބޭރަށް ނެރެ ހުސްކުރަން ޖެހޭނޭ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަންގާފައެވެ. އަދި އިސްރާއީލުގެ ސިފައިން ދިން މި ގަޑި އިރުގެ މުހުލަތަށް ފަހު އެތަނަށް ހަމަލާދޭކަން ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

” ކުރިޔަށް އޮތް ގަޑިއިރުގެ ތެރޭގައި އަލް ޝިފާ ހޮސްޕިޓަލުން މީހުންނާއި ތަކެތި ބޭރަށް ނެރެ އެ ތަން ހުސްކުރުމަށް އިޒްރޭލުގެ ސިފައިން ވަނީ އަންގާފަ. މި މުހުލަތަށް ފަހު ހަމަލާ ދޭނޭ ކަމަށް ވަނީ ބުނެފަ.” އަލް ޖަޒީރާގެ ނޫސްވެރިއާ ޔުމްނާ އަލް ސައީދު ބުނެފައިވެއެވެ.

އަލް ޝިފާ ހޮސްޕިޓަލުގައި މިވަގުތު ތިބި ޑޮކްޓަރުންނާއި ބަލިމީހުންނާއި އެތަނުގައި ބޯހިޔާވަހިކަން ހޯދަމުންގެންދާ މީހުން، އަދި މެޑިކަލް ތަކެއްޗާއި އެކު އެތަން ހުސްކުރުމަށް އިސްރާއީލުގެ ސިފައިން އަންގާފައިވާއިރު، އެތަނުގައި މިހާރުވެސް އިސްރާއީލު ސިފައިން ދަނީ ޤަތުލުއާންމުތަކެއް ހިންގަމުންނެވެ. އެގޮތުން އެތައް ބަޔަކަށް ބަޑިން ބިރުދައްކާ އެތައްބަޔަކު ޝަހީދުކުރަމުން ގެންދާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ޝިފާ ހޮސްޕިޓަލުން ކަރަންޓު ކަނޑާލާފައި ވުމުގެ ސަބަބުން އޮކްސިޖަން ލިބުން ދަތިވެ މިހާތަނަށް 40 ބަލިމީހަކު ޝަހީދުވެފައިވާއިރު، ފަރުވާނުދެވި އެތައް ބަލިމީހުންނެއް މަރާއި ހަނގުރާމަ ކުރަމުން އަންނަ ކަމަށް ޣައްޒާގެ ސިއްޚީ ވުޒާރާއިން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލުގައި މިވަގުތު 300 އަށްވުރެ ގިނަ ބަލި މީހުން ތިބިއިރު، އޭގެ ތެރޭގައި ގިނައީ ބަލި ހާލުގައި ތިބި ކުޑަކުދިންނެވެ.