މިމަހު ފަނަރަ ވަނަދުވަހު ޗައިނާގައި ފެށުމަށް ހަމަޖެހިފައިވާ “ސައުތު އޭޝިއަން ރޯވިން ކޯސްޓަލް ކޮމްޕެޓިޝަން” ގައި ރާއްޖެއިން ބައިވެރިވާ ގައުމީޓީމަށް ރޭ ޖާޒީއާއި ޓިކެޓާއި ގައުމީ ދިދަ ހަވާލުކޮށްދެއްވައިފިއެވެ.
އައްޑޫސިޓީ ކައުންސިލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހަވާލުކޮށް ދެއްވީ އައްޑުސިޓީގެ ކުރީގެ ޑެޕިޔުޓީމޭޔަރު އަބްދުﷲ ތައްޔިބު (ޓޮމް) އާއި، އެލްޖީއޭގެ ބޯޑު މެންބަރު އަހުމަދު ހަސަނާއި، އީކުއޭޓަރވިލެޖުގެ މެނޭޖަރު މުހައްމަދު ވަހީދެވެ.
ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މުބާރާތް އޮންނާނީ މި މަހުގެ 15-17 އަށް ކަމަށެވެ. ރާއްޖެއިން މިމުބާރާތުގައި ބައިވެރިވާ ޓީމުގައި ޖުމްލަ 11 މީހުން ހިމެނެއެވެ. އެއީ ދެ އޮފިޝަނުންނާއި 9 އެތުލީޓެކެވެ. އެއީ ފަސް ފިރިހެން ކުދިންނާއި 4 އަންހެނުން ކުދިންނެވެ. އެޓީމް މިހާރުދަނީ މުބާރާތަށް ފުރުމަށް ތައްޔާރުވަމުންނެވެ. މުބާރާތަށް ކުދިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ސީނިއާކެޓަގަރީގައެވެ. މިއީ ސައުތު އޭޝިއާގައި ބާއްވާ ރޯއިންގެ ފުރަތަމަ ކޯސްޓަލް މުބާރާތެވެ.
ހަބީބު ވިދާޅުވީ ރޯވިންއެސޯސިއޭޝަނަށް މިހާތަނަށް ލިބިފައިވާ ކުރިއެރުމާއި ލިބެމުން އަންނަ ކުރިއެރުމަކީ ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީގެ ވަރަށްބޮޑެތި އެހީތެރިކަމެއް ލިބިގެން ހޯދައިފައިވާ ކުރިއެރުމެއް ކަމަށެވެ.
މި މުބާރާތަށްވެސް ރާއްޖޭގެ ރޯވިންޓީމް ދަނީ ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އައްޑޫ ސިޓީ ކައުންސިލާއި، ހިތަދޫގައި ހިންގާ ސުވާދިވް ކެފޭގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައި ކަމަށެވެ.