English Edition
Dhivehi Edition

މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ނަންތައް އާންމުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އިއުލާނެއްގައި ވަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެ ދެ ސްކީމަށް ކުރިމަތިލި މީހުންގެ ލިސްޓު ހިމަނާފައެވެ. މި ލިސްޓުގައި ވަނީ، މީހާގެ ނަމާއި، އެޑްރެހާއި ރަށް އަދި ފޯމު ނަންބަރު ހިމަނާފައެވެ. އަދި ފޯމުގެ ބާވަތްވެސް ހިމަނާފައިވެއެވެ.

ރޭ އިއުލާންކުރި ލިސްޓްގައިވާ ގޮތުން ފްލެޓަށް 21،247 މީހުން އަދި މާލެ ސަރަހައްދުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވެ އެވެ. ފްލެޓާއި ގޯއްޗަށް ކުރިމަތިލައި، އެކަމަކު ލިސްޓްގައި ނެތް ނަމަ ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ.

ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5،000 ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ވަނީ މިދިޔަ އޮގަސްޓު މަހު އިއުލާންކޮށްފައެވެ. އަދި އެމީހުންނަށް ލިބޭ ގޯތި ކަނޑައެޅުމަށް ގުރު ނަގައި، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށްގެންގޮސްފައިވެއެވެ.

ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓުން މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށް ބުނެ، ފްލެޓު ދިނުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔުމަށް އަންގާފައެވެ. އެއާއެކު އޭސީސީން ވަނީ ފްލެޓުތައް ދިނުމުގެ މަސައްކަތްތައް ހުއްޓާލާފައެވެ.

މިއަދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ބާތިލް ނުކުރައްވާނެ ކަމަށެވެ.

އަދި ދެވަނަ ބުރުގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފި ނަމަ އެ ގެންދިޔަ ހިސާބަކުން އެ މަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.