English Edition
Dhivehi Edition
އިބްރާހީމު ރަޝީދު މޫސާ /

މެލޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމެކެވެ. މިއީ އިސްލާމީ ޤައުމުކެވެ. މުސްލިމުންގެ ނިސްބަތަކީ ގާތްގަނޑަކަށް 60 % އެވެ. މި ޤައުމުގައި 25 % ޗައިނާގެ ބުޑިސްޓުންނާއި، 15% ހިންދީދީނުގެ މީހުން އުޅެއެވެ.

ދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީނެވެ. މެލޭޝިޔާގެ މުސްލިމުންނަކީ ދީނީ ކަންތައްތަކަށް ވަރަށް ފަރުވާތެރި، އަމިއްލަ ސަޤާފަތަށާއި އާދަކާދައަށް ވަރަށް އިސްކަންދޭ ބަޔެކެވެ.

މެލޭޝިޔާގެ މުސްލިމުން ރަމަޟާންމަހަށް ތައްޔާރު ވަނީ މިސްކިތްތަކާއި އެބައިމީހުންގެ ގެދޮރުތަކުން އާބަތުރަފިލުވަމުންނެވެ. ފިރިހެނުން މި މަސައްކަތް ކުރާއިރު އަންހެނުން ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެތި ގަނެ ޖަމާކުރާނެތެވެ.

ޝަޢުބާން މަހުގެ ނަވާވީސްވަނަ ދުވަހު ހަވީރު އިރުއޮއްސޭ ވަގުތު ހަނދުބެލުމަށްޓަކައި ގިނަ ބަޔަކު މަގުމައްޗަށް ނުކުންނާތެވެ. ހަނދު ބެލުމުގެ ކަންތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ސީދާ އުޅުއްވާނެތެވެ. ހަނދު ފެނުމުން ނުވަތަ ފެނިއްޖެކަން ސާބިތު ވުމުން ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެ ކަން ރަސްމީކޮށް އިޢުލާނު ކުރާނެތެވެ. ހަނދު ފެނިއްޖެކަން އިޢުލާން ކުރުމާ އެކު މުސްލިމުން (ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން) މަގުމައްޗަށް ނުކުމެ އުފާފާޅުކޮށް އެއްބަޔަކު އަނެއް ބަޔަކަށް ތަހްނިޔާ ކިޔާނެތެވެ. އެއަށްފަހު މިސްކިތަށް ގޮސް ޖަމާޢަތުގައި ތަރާވީޙު ނަމާދު ކުރާނެތެވެ. މެލޭޝިޔާގެ މުސްލިމުންނަކީ ޝާފިޢީން ކަމުގައިވާތީ އެމީހުން ތަރާވީޙު ނަމާދުގައި 20 ރަކްޢަތް ކުރާ ތަން ފެނެއެވެ.

ރަމަޟާން މަހުގެ ހަނދު ފެނުމުން ސިޓީ ކައުންސިލުން ރަށު ތެރެ ސާފު ކޮށް، މަގުމަތީގައި ކުލަކުލައިގެ ބޮކި ފަތިތައް ދަމައި ދިއްލައި މުޅި ސަހަރު ޒީނަތްތެރި ކުރާނެތެވެ. އަދި މަގުމައްޗަށް ފިނިފެނާއި ހުވަދު ފަދަ އެއްޗެހި ޖަހައި މީރުވަސް ދުއްވާނެތެވެ. އަދި ރަށުގެ ތަފާތު ތަންތާނގައި ރަމަޟާން މަހަށް މަރްޙަބާ ކިޔުމުގެ ފޮތިގަނޑުތައް ދަމާނެތެވެ. ފޮތިގަނޑުތަކުގައި ޢާއްމުކޮށް ލިޔާ ޢިބާރަތަކީ “شَهْرٌ مُبَارَكٌ ” އެވެ. މީގެ އިތުރަށް ރަމަޟާން މަހު މިސްކިތްތައް އާދަޔާ ޚިލާފަށް ބޮޑަށް އަލިގަދަކޮށް ދިއްލުމާއި މިސްކިތްތަކުގެ މުންނާރުތައް ނިޔޯން ހޮޅިބުރިތަކުން މުޅި ރޭގަނޑު ދިއްލާފައި ބެހެއްޓުން ވެސް ހިމެނެއެވެ.

ރަމަޟާންމަހުގެ އިރުއޮއްސޭ ވަގުތަކީ ވަރަށް މުހިއްމު ވަގުތެކެވެ. އިރުއޮއްސޭ އިރު މިސްކިތްތަކުގެ ދާލަތަކާއި ގޯތިތެރޭގައި ކުނަލާއި ދޫލަ ފަތުރައި ރޯދަވީއްލުމުގެ ޖާފަތްތައް ބޭއްވެއެވެ. ﷲގެ މެހްމާނުންނަށްޓަކައި ތަފާތު ބުއިންތަކާއި ކާބޯތަކެތީގެ ބާވަތްތައް މި ސުފުރާތައް މަތިން ފެނެއެވެ. މިއީ ހެޔޮ އެދޭ ފަރާތްތަކުން އިންތިޒާމު ކޮށްގެން ކުރާ ކަމެކެވެ. މި ސުފުރާތަކުން ރޯދަވީއްލުމަށް ފަހު މަޣުރިބު ނަމާދު ކުރެއެވެ. އެއަށްފަހު ގެއަށް ގޮސް ރޯދަވީއްލުމުގެ ބައި ފުރިހަމަ ކުރެއެވެ. ދެން ޢިޝާ ނަމާދަށް މިސްކިތަށް ގޮސް ޢިޝާ ނަމާދާއި ތަރާވީހު ނަމާދު ކުރެއެވެ .

ރަމަޟާން މަހުގައި މިސްކިތްތަކުގައި މީރުވަސްދުވާ އެއްޗެހިން ދުން ބުރުވުމަކީ މެލޭޝިޔާގެ މުސްލިމުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރަމަޟާން މަހުގެ ތެރޭގައި ޤުރްއާން ޚަތިމު ކުރުމަކީ ވެސް މެލޭޝިޔާގެ މުސްލިމުންގެ އާދައެކެވެ.

ރަމަޟާން މަހުގެ ތެރޭގައި މުސްލިމުން ކަންނެތް ވިޔަ ނުދިނުމަށްޓަކައި މެލޭޝިޔާ ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅައެވެ. ރަމަޟާން މަހުގައި މަސައްކަތަށް ޤަވާޢިދުން ނުކުންނަ މީހުންނަށް ހިތްވަރުދިނުމަށްޓަކައި އިނާމުތައް ދެއެވެ. އަދި ބޯނަސްގެ ގޮތުގައި އިތުރު ފައިސާ ވެސް ދެއެވެ.

ރަމަޟާން މަހުގައި އެ މަހާ ގުޅޭ ޕްރޮގްރާމްތައް ޓީވީންނާއި ރޭޑިއޯއިން ދުރަށް ފޮނުވައެވެ. ޤުރްއާން ކިޔެވުމުގެ މުބާރާތްތަކާއި، ކީރިތިރަސޫލާގެ ސީރަތާއި، ރޯދައާ ބެހޭ ފިޤްހީ މަސްއަލަތަކާއި، އިސްލާމީ އަޚްލާޤިއްޔާތާ ބެހޭ މަޢުލޫމާތު ހިމެނޭ ދީނީ ޕްރޮގްރާމްތައް ރަމަޟާން މަހަށްޓަކައި އުފައްދައެވެ. އަދި ރަމަޟާން މަހުގައި މީޑިއާގައި ތަފާތު މުބާރާތްތައް ވެސް ބާއްވައެވެ.

ރަމަޟާން މަހުގެ ތެރޭގައި މުސްލިމު ޢާއިލާތަކުގެ މެދުގައި ހަދިޔާބަދިޔާ ބަދަލުކުރުމަކީ ވަރަށް ޢާއްމު ކަމެކެވެ. މި ގޮތަށް ބަދަލުކުރެވޭ ހަދިޔާގެ ތެރޭގައި ކާބޯތަކެއްޗާއި މޭވާއާއި ސެންޓާއި ފޭރާން ހިމެނެއެވެ. މިއީ އެކުވެރިކަމާއި ޢާއިލީ ގުޅުން ދެމެހެއްޓުމަށްޓަކައި މެލޭޝިޔާގެ މުސްލިމުން ކުރަމުންދާ ކަމެކެވެ.

މެލޭޝިޔާގެ މުސްލިމުން ހާރު ކެއުމަށް ފަހު ޚާއްޞަ ބުއިމެއް ބޮއެވެ. މި ބުއިމުގެ ނަމަކީ “ކޯލާކް” އެވެ. މިއީ ކަރުހިއްކުން ކަނޑުވައިދޭ ބުއިމެކެވެ. އަދި، މިއީ ރޯދަވެރިއާ ކަންނެތްކަމާއި ލޮޑުވުމުން ދުރުކޮށްދޭ ބުއިމެކެވެ. އެއީ މި ބުއިމުގެ ސަބަބުން ހަށިގަނޑަށް އިތުރު ހަކަތަ ލިބޭތީއެވެ.

ރަމަޟާން މަސް ނިމެން ކައިރިވުމުން ފިޠުރު ޒަކާތް އެއްކުރުމަށްޓަކައި މިސްކިތްތަކުގައި ޚާއްޞަ ކޮމެޓީތަކެއް ޤާއިމުކުރެވެއެވެ. މީގެ އިތުރަށް ތަނަވަސްކަން ލިބިގެންވާ މީހުން ފަޤީރުންނަށް ހެދުމާއި ޢީދު ޙަލްވާ ގަނެ ދިނުމަކީ ވެސް މެލޭޝިޔާގެ މުޖްތަމަޢުން ފެންނަ ރަނގަޅު ކަމެކެވެ.

*މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.