English Edition
Dhivehi Edition

ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފައި ރައްޔިތުންނަށް ނުފިއްލަވާނެ ކަމަށާއި ކެމްޕޭންގައި ވެލެއްވި ހުރިހާ ވައުދުފުޅެއް އަކުރުން އަކުރަށް ފުއްދަވާ ނަތީޖާ ނެރުއްވަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު އިފުތިތާހު ކުރެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ރައްޔިތުން ގާތަށް ވަޑައިގެންނެވީ ކެމްޕެއިންކޮށް ނިންމަވާފައި ފިއްލަވާކަށް ނޫން ކަމަށާއި އެއްވެސް ކަމެއް ފޮރުވުމުގެ ބޭނުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ކެމްޕޭން ތެރޭގައި ރަށްރަށަށް ވަޑައިގެންނާއި ނޫސްވެރިންނާއި ބައްދަލުކޮށް އަދި އެ ނޫން ވެސް ހަފުލާތަކުގައި ދެއްކެވި ހުރިހާ ވާހަކައެއް ލިޔެފައި އޮންނާނެ ކަމަށެވެ. އަދި، އެ ކަމާ ބިރުފުޅު ނުގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

“ޕޯޑިއަމްގައި ދެއްކި ކޮންމެ ވާހަކައެއް، ރައްޔިތުންނާ މުޚާތަބުކޮށް ދެންނެވި ކޮންމެ ލަފުޒެއް، އެ ލަފުޒެއް ދެންނެވީ އެ ވާހަކައެއް ދެއްކީ އެ ކަމެއް ހަގީގަތުގައި ވެސް އެ ދެއްކި ގޮތަށް، އެ ދެންނެވި ގޮތަކަށް ކުރުމުގެ ފުރިހަމަ އަޒުމާއި އެކީގައޭ. އެ ނިޔަތުގައޭ،” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު އިފުތިތާހު ކުރެއްވުމަށް ފަހު، އެމަނިކުފާނު ވިދާޅުވީ ފުރަތަމަ 14 ހަފުތާގައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މަދުވެގެން ހާސިލް ކުރައްވާނެ ކަންކަން މިރޭ އިއުލާން ކުރެއްވި ނަމަވެސް އެއަށް ވުރެ މާ ގިނަ ކަންކަން ހާސިލް ކުރައްވާނެ ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހިމެނޭ “ހަފްތާ 14 މަގުޗާޓް” ލޯންޗްކޮށްދެއްވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ހަފްތާ 14 މަގުޗާޓުގައި މައިގަނޑު 8 ދާއިރާއަކުން 161 ވައުދެއް ވަނީ ހިމަނުއްވާފައެވެ.

ހަފްތާ 14 މަގުޗާޓުގެ މައިގަނޑު ދާއިރާތައް:

• މިނިވަންކަމާއި ސިޔާދަތު
• އިސްލާމްދީނާއި ޤައުމިއްޔަތު
• ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީ
• އިޤްތިޞާދާއި ތިމާވެށި
• އަންހެނުން، ޒުވާނުން، ފަންނިއްޔަތު އަދި ކުޅިވަރު
• ޞިއްޙީ ދުޅަހެޔޮކަމާއި އޯގާތެރި މުޖްތަމަޢު
• ތައުލީމާއި ތަމްރީން
• ސަރުކާރުގެ ސިޔާސަތާއި ޤާނޫނީ އިޞްލާޙް

ހުކުރު ދުވަހު ހަވީރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތީ ދިވެހީންނަށް މިނިވަންކަމާއި އިސްތިގުލާލު ޔަގީން ކުރުމުގެ ދަތުރު ކަމަށެވެ. އަދި، ތަރައްގީގެ މަގުގައި ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަތުމަށް ކުރާ ދަތުރު ކަމަށެެވެ.