English Edition
Dhivehi Edition
ފަލަސްތީނުގެ ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް ޔަހޫދީ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނައުމުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ތެރޭގައި ރައްކާކޮށްފައި ހުރި ހަތިޔާރުތައް އެ ގައުމުގެ ސިފައިން ހޯދާފައިވާ ކަމަށް ބުނެ އިސްރާއީލުން ހެދި ބޮޑެތި ދޮގުތައް ފަޅާއަރައިފިއެވެ.
ޝިފާ ހޮސްޕިޓަލަށް ވަދެގަނެ، އެތަން ހިސޯރުކޮށް ތަންތަން ތަޅާ ސުންނާފަތި ކުރިއިރު، އަދި މުޅި ހޮސްޕިޓަލް ބަލާ ހޯދިއިރު، އިސްރާއީލުން އެބުނާ ހަމާސް ޖަމާއަތުގެ ހެޑްކުއާޓާރްސް އެތަނުން ފެނިފައެއް ނުވެއެވެ. އަދި އެމީހުން ގެންގުޅުނު ހަތިޔާރެއްގެ ހިސާބުވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް ދުނިޔޭގެ ލަދަށް ކަންކަން އޮޅުވާލުމުގެ ބޭނުމުގައި ހޮސްޕިޓަލް ތެރޭން ހަމާސް ގެގުޅޭ ހަތިޔާރު ފެނުނުކަމަށް ބުނެ ހެދީ ބޮޑު ދޮގެކެވެ. އެކަން މިހާރުވަނީ މުޅި ދުނިޔެއަށް ވެސް ހާމަވެފައެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ހަމާސްގެ ލީޑަރު ބާސިމް ނާއިމް ވިދާޅުވީ ޝިފާ ހޮސްޕިޓަލުން ހަތިޔާރު ފެނުނުކަމަށް ބުނެ އިސްރާއީލު ސިފައިން ދައްކާ ވާހަކަތަކަކީ ބޮޑުވެގެންވާ ބުހުތާނު ދޮގެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެކަމަށްް އިސްރާއީލުގެ ސިފައިންް ހުށަހަޅާފައިވާ ހެކިތަކަކީ އޮޅުވާލައިގެންް މުޅިންް ހަގީގަތާ ހިލާފު ހެކިތަކެއް ކަމަށެވެ. އަދި އެއީ އެމީހުންގެ މަގްސަދު ހާސިލް ނުވުމުން ދެއްކި ބަހަނާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަމުން ދަނީ ޝިފާ ހޮސްޕިޓަލަށް ވަދެ އެތަން ހިސޯރުކޮށް އިސްރާއީލު ސިފައިން ހަމަލާތައް ދެމުން ހިންގި ޖަރީމާއަކީ އޮޅުވާލުމެއް ކަމަށެވެ. އަދިި އެ ހޮސްޕިޓަލުގައި ހަމާސްގެ ހެޑްކުއާރޓާސް ހުރިކަމަށް ބުނެ، ހަތިޔާރު ހުރިކަމަށް ބުނެ ދެއްކީ އެތަނަށް ހަމަލާދިނުމަށް ބަހާނެވެ.
އިސްރާއީލުން ބުނީ އައްޝިފާ އެމީހުންގެ ބެލުމުގެ ދަށަށް ގެނައީ ހަނގުރާމަވެރިން ފޮރުވާފައިވާ ޓަނަލްތަކާއި ހަތިޔާރުގެ ކެޗާއި ގައިދީންގެ ފަހަތުން ދިއުމަށް ކަމަށެވެ. ނަމަވެސް ހަމާސް އިން ބުނަމުން ދަނީ ހޮސްޕިޓަލްތަކުގައި އަސްކަރިއްޔާއެއް ނެތް ކަމަށާއި އިޒްރޭލުގެ އެއްވެސް ހެއްކަކީ ހަގީގަތާ ހިލާފު ޕްރޮޕެގެންޑާއެއް ކަމަށެވެ.
އެކަމާއި ގުޅިގެން އިސްރާއީލަށް އަދި އެއްވެސް ސާބިތު ހެއްކެތް ދެއްކިފައި ނުވުމަކީ ހަނގުރާމައިން އެމީހުން ފެއިލް ވެފައިވާ ކަމުގެ ހެއްކެއް ކަމަށް ދުނިޔޭގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.