English Edition
Dhivehi Edition

ފަލަސްތީނުގެ ހަމާސްގެ މުޖާހިދުންނާއި ދެކޮޅަށް އިސްރާއީލުން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި އިސްރާއީލުގެ ސަރުކާރު ހިންގުން ފެއިލްވެފައިވާކަމަށް ބުނެ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާއަށް އިސްރާއީލުގެ އިދިކޮޅު ސިޔާސީ ލީޑަރު ޔާއިރް ލަޕިޑް ގޮވާލައްވައިފި އެވެ.

ލަޕިޑް ވިދާޅުވީ މި ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލުގެ ސަރުކާރު ހިންގުން ވަރަށް ބޮޑަށް ދައްވެ ކަންކަން ބޮއްސުންލާފައިވާ ކަމަށާއި މިއީ ބޮޑުވަޒީރު ނަތަންޔާހޫގެ ބޮޑު ފެއިލްވުމެއް ކަމަށެވެ. އަދި މިހާރުން މިހާރަށް ނަތަންޔާހޫ އިސްތިއުފާދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ޗެނަލް 12 ގައި ހަމާސް އާއި ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމައާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ލަޕިޑް ވިދާޅުވީ ނަތަންޔާހޫ އަކީ އިސްރާއީލުގެ ފެއިލްވެފައިވާ ލީޑަރެއް ކަމަށާއި އޭނާއަށް މިހާރު އިސްރާއީލު ރައްޔިތުންގެ ތާއީދެއްވެސް ނެތްކަމަށެވެ. އަދި ހަނގުރާމައިގައި އެއްވެސް ކާމިޔާބެއް ލިބެމުން ނުދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަޕިޑް ވިދާޅުވީ މިހާރު ސަރުކާރު ހިންގާ ޕާޓީގެ އިސް ލީޑަރުން ނާއި އެކު ވެސް މަޝަވަރާތައް ކުރަމުން އަންނަކަމަށާއި ގައުމުގެ ހާލަތު ދުވަހެއްދުވަހަކަށް ދަށަށް ދާ ކަމަށް އެ ބޭފުޅުން ވެސް ގަބޫލުކުރައްވާކަމަށެވެ. އަދި ނަތަންޔާހޫގެ މާ ބޮޑު ބޭނުމެއް މިހާރު އިސްރާއީލަށް ނެތްކަމަށް ވެސް އެބޭފުޅުން ދެކިލައްވާ ކަމަށް ލަޕިޑް ވިދާޅުވިއެވެ.

ލަޕިޑް ވިދާޅުވީ މިހާރު މިއޮތް ނަތަންޔާހޫގެ ސަރުކާރު ރަނގަޅަށް ނުހިނގާ ކަމަށާއި އެކަމުގެ ސަބަބުން އިސްރާއީލުގެ އާންމު ރައްޔިތުންނަށް އެކަމުގެ ދެރައާއި ގެއްލުން އިންތިހާއަށް ލިބެމުން އަންނަކަމަށެވެ. އަދި އާންމުންގެ ތާއީދެއް ނެތް ބޮޑުވަޒީރަކާއި އެކު ގައުމެއް ރަނގަޅަށް ހިންގޭނޭ އެއްވެސް ގޮތެއް ނޭންގޭ ކަމަށާއި ނަތަންޔާހޫ ވަކިކޮށް އަލުން އާ ސައރުކާރެއް އިސްރާއީލުގައި އެކުލަވާލަން މިހާރުވެސް މާ ލަސްވެފައި ވާ ކަމަށް ލަޕިޑް ވިދާޅުވިއެވެ.

” މިހާރު މި ކުރަނީ ވެރިކަމެއް ނޫން. މިއީ ގަނަތެޅުމެއް. ނަތަންހާޔޫގެ މި ސަރުކާރު މިއޮތީ ފެއިލްވެފަ، އަވަހަށް އިސްތިއުފާދީފަ ދާންވީ. އޭނާއަކަށް އާންމުންގެ ތާއީދެއް ވެސް ނެތް. ތާއީދު ނެތް ލިޑަރަކާއި އެކު ސަރުކާރެއް ނުހިންގޭނެ. މިހާރުން މިހާރަށް އިސިއުފާ ދިނުމަށް ގޮވާލަން.” ޗެނެލް 12 ގައި ވާހަކަދައްކަވަމުން ލަޕިޑް ވިދާޅުވިއެވެ.

އިސްެރާއީލުން ހަމާސް ގެ މުޖާހިދުންނާއި ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާއަށް އަދިވެސް އެއްވެސް ކާމިޔާބެއް ނުލިބޭކަމަށް އިސްރާއީލުގެ ތަޖުރިބާކާރުންވެސް ދަނީ ބުންމުންނެވެ.