English Edition
Dhivehi Edition

ޔަހޫދީންނާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ކުރަމުން ގެންދާ ހަނގުރާމައިގައި ޔަހޫދީން ބަލިކަށިވެ ފަހަތަށް ޖެހުމުން އަންނަކަމަށާއި ހުރިހާ ކޮންޓްރޯލެއް ވެސް އޮތީ ހަމާސް މުޖާހިދުންގެ އަތުގައި ކަމަށް ލުބުނާނުގައި ހުންނަ ހަމާސްގެ އިސް މަންދޫބު އަދި ހަމާސްގެ ޕޮލިޓްބިއުރޯގެ މެންބަރު އުސާމާ ހަމްދާން ވިދާޅުވެއްޖެއެވެ.

އަލް ޖަޒީރާއަށް ދިން ބަސްދީގަތުމެއްގައި އުސާމާ ހަމްދާން ވިދާޅުވީ ހަނގުރާމައިގައި އިސްރާއީލުގެ ޔަހޫދީ ލަސްކަރަށް އެއްވެސް ކާމިޔާބެއް ލިބެމުން ނުދާކަމަށާއި ހަނގުރާމައިގެ ހުރިހާ ކޮންޓްރޯލެއް އޮތީ ހަމާސް މުޖާހިދުންގެ އަތުގައިކަމަށެވެ.

ހަމްދާން ވިދާޅުވީ ހަމާސް މުޖާހިދުންގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި ކުޑަވެސް ޖެހިލުމެއް ނެތި ޔަހޫދީން ލަސްކަރު ތަޅާ ސުންނާފަތި ކުރަމުން އަންނަކަމަށެވެ. އައި އެއްވެސް މުސްލިމަކު ކަންބޮޑުނުވެ މުޖާހިދުންނަށްޓަކައި ކާމިޔާބީއަށް އެދި ދުޢާކޮށްދިނުމަށް ވެސް ހަމްދާން ވަނީ އެދިލައްވާފައެވެ.

ހަމްދާން ވިދާޅުވީ ހަނގުރާމައިގެ ކޮންޓްރޯލް އޮތްކަމަށް ބުނެ އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަދަމުން ގެންދާ ދޮގުތަށް މުޅި ދުނިޔެއަށް ހާމަވެފައިވާ ކަމަށާއި ޔަހޫދީ ލަސްކަރު އަދިވެސް އޮތީ އެއްވެސް ކުރިއެރުމެއް ނުލިބި ހަނގުރާމަ ފެށި ހިސާބުގައިކަމަށެވެ.

ހަމްދާން ވިދާޅުވީ ޔަހޫދީ ލަސްކަރަށް ކުރެވެން އޮތްހާވެސް ކަމަކީ މަތިން އައިސް ބޮން އަޅާ ޣައްޒާގެ ކުށެއް ނެތް އާންމުން ޝަހީދުކުރުން ކަމަށާއި އަދި ޣައްޒާ ހިސޯރުކުރުމަށް ޖަހާ މަޅިން ޔަހޫދީ ސަލާމަތް ވާނެ ހަމަ އެއްވެސް ގޮތެއް ނެތްކަމަށެވެ.

ހަމްދާން އިތުރަށް ވިދާޅުވީ އިސްރާއީލުގެ އެންމެ ބޮޑު ޕްލޭނަކީ ޣައްޒާގެ ރައްޔިތުން އަމިއްލަ ބިމުން ފައްސާލާ ޣައްޒާގެ ބިމަށް ވެރިވެގަތުން ކަމަށާއި އެކަން ހާސިލް ވިޔަ ނުދޭނޭ ކަމަށެވެ.

” ހަނގުރާމައިގެ އެއްވެސް ކުރިއެރުމެއް ޔަހޫދީންނަށް ލިބެމުން ނުދާކަމަށް ދަންނަވާލަން. ހަނގުރާމައިގެ ހުރިހާ ކޮންޓްރޯލެއް އޮތީ ހަމާސް މުޖާހިދުންގެ އަތުގަ. ޔަހޫދީ ލަސްކަރު އަދިވެސް އޮތީ ކުޑަވެސް ކުރިއެރުމެއް ނުލިބި ހަނގުރާމަ ފެށި ހިސާބުގަ.” ހަމާސްގެ އިސް މަންދޫބު އަދި ހަމާސްގެ ޕޮލިޓްބިއުރޯގެ މެންބަރު އުސާމާ ހަމްދާން ވިދާޅުވެފައިވެއެވެ.