English Edition
Dhivehi Edition
ސާޖިދާ

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ވެސް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ހުންނެވި ސިވިލް ސާވިސްގެ މަގާމުގައި ދެމި ހުރުމަށް ހުރަހެއް ނެތް ކަމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސާޖިދާ މިހާރު އަދާކުރައްވަމުން ގެންދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި ހުންނެވުމުގެ ހުއްދައަށް ކޮމިޝަންގައި އެދިވަޑައިގަތުމުން ސީއެސްސީ އިން ބުނީ ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމަކަށް ނުވާތީ މިހާރު ވެސް ސާޖިދާ އަދާކުރައްވަމުން އަންނަ މަގާމުގައި ދެމިހުންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމުގައެވެ.

މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅެއްގެ އަނބިކަނބަލުންނެއް ވަޒީފާއެއް އަދާކުރައްވާފައިނުވާއިރު ސާޖިދާ ވެގެންދާނީ ސިވިލް ސާވިސްގެ މަގާމެއް އަދާކުރައްވާ ފުރަތަމަ ފަސްޓް ލޭޑީއަށެވެ.

ރައީސް އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހޭއިރު އެ އެލަވަންސްގެ މިންވަރަކީ ރައީސް މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.