English Edition
Dhivehi Edition

ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާރ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދެމުން ދިޔަ ހުރިހާ ބަލިމީހުން ނިޔާވެއްޖެކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ އަލް ޝިފާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ހުރިހާ ބަލިމީހުން ނިޔާވެފައިވާ ކަމަށާއި އެމީހުން ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ކަރަންޓު ނެތުމުގެ ސަބަބުން ފަރުވާދިނުން ހުއްޓިފައި އޮތުމުންކަމަށެވެ.

އައިސީޔޫގައި ފަރުވާ ދެމުން އައި ހުރިހާ ބަލިމީހުން ނިޔާވިކަމަށް ދާދި ދެންމެ ރިޕޯޓުކޮށްފައިވާއިރު، މީގެ ކުރިންވެސް ވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 39 ކުޑަކުއްޖަކަށް އޮކްސިޖަން ނުލިބިގެން ނިޔާވެފައެވެ.

އިސްރާއީލުގެ ޔަހޫދީން މިހާރުވެސް ޝިފާ ހޮސްޕިޓަލް ވަށާލައި އެތަނަށް ހަމަލާތައް ދެމުން އަންނައިރު، އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޖެނެރަލް މިއަދު ހެނދުނު ވިދާޅުވެފައި ވަނީ ފަރުވާދެމުންގެންދާ އެތައް ބަލި މީހުންނެއް ގެ ހާލަތު ގޯސްވެ މަރާއި ހަނގުރާމަކުރަމުން އަންނަކަމަށެވެ. އަދި ކަރަންޓު ނެތުމުގެ ސަބަބުން ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ވެސް ހުއްޓިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މިއަދުގެ ވަގުތެއްގައި ހަމަލ؛ާދީ އެ ހޮސްޕިޓަލުގެ ހިތުގެ ފަރުވާދޭ ވޯޑު ވެސް ހަލާކުކޮށްލާފައެވެ. އެކަމުގެ ސަބަބުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ އެތައްބަޔަކަށް ވަނީ ފަރުވާދިނުން ހުއްޓިފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެނަދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11180 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 4609 ކުޑަކުދިން ހިމެނެއެވެ.