English Edition
Dhivehi Edition

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރުން މިހާރަށް ހައްޔަރުކުރުމަށް ދެކުނު އެފްރިކާގެ ޚާރިޖީވަޒީރު ނަލޭދީ ޕަންޑޯރް ގޮވާލައްވައިފިއެވެ.

ދެކުނު އެފްރިކާގެ މަޝްހޫރު ނޫސް ސަންޑޭ ޓައިމްސް އަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ނަލޭދީ ޕަންޑޯރް ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރުން މިހާރަށް ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެން ޖެހޭކަމަށާއި ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން ގެންދާ ޤަތުލުއާންމުތަކުގެ ފުރިހަމަ ޒިންމާ ނަތަންޔާހޫ ނަގަންޖެހޭނޭކަމަށެވެ.

ޕަންޑޯ ވިދާޅުވީ އިސްރާއީލުން ވަނީ ބައިނަލްއަޤުވާމީ ހަނގުރާމައިގެ ޤާނޫނުތަކާއި މުޅިން ޚިލާފުވެފައިކަމަށާއި އެކަމުގެ ހައްޤު އަދަބު ނަތަންޔާހޫއަށް ލިބެން ޖެހޭނޭކަމަށެވެ. އަދި އެއްވެސް ގައުމަކަށް އެއްވެސް ކަމެއްގައި ބައިނަލްއަޤުވާމީ ޤާނޫންތައް ފުނޑާލާ އެ ޤާނޫނުތަކުގެ މައްޗަށް އަތްގަދަކޮށް ނުހެދޭނޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޕަންޑޯރް ވިދާޅުވީ އިސްރާއީލުން ހަނގުރާމަ އިއުލާނު ކުރީ ހަމ،ާސް އާއި ދެކޮޅަށް ކަމަށާއި ނަމަވެސް މި ފެންނަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމުން އުޅޭ ތަންތަނަށް ބޮންއަޅާ އާންމުން ޝަހީދުކުރަމުން ގެންދާ މައްޒަރުކަމަށެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކުގައި ހޮސްޕިޓަލް ތަކާއި ސްކޫލުތަކާއި އަޅުކަން ކުރަން ހަދާފައިހުންނަ ތަންނަނަށް ހަމަލާދިނުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށާއި އެކަން އިސްރާއީލުން ކުރަމުން ގެންދާއިރު، އެކަމަށް ހަރުކަށި ފިޔަވަޅު އެޅެން ޖެހޭނޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަދި އުންމީދަކީ ވަރަށް އަވަހަށް އިސްރާއީލުން ހިންގަމުން ގެންދާ ޤަތުލުއާންމުތައް ނިމުމަކަށް ގެނެވި، އެ މައްސަލަ ބަލައި އެކަމުގައި ސާމިލް ވާ ހުރިހާ ފަރާތްތަކަށް ހައްޤު އަދަބު ލިބިގެން ދިއުންކަމަށް ޕަންޑޯ ވިދާޅުވިއެވެ.

ދެކުނު އެފްރިކާއަކީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތައް އެންމެ ބޮޑަށް ކުށްވެރިކުރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.