English Edition
Dhivehi Edition

ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްކަމަށްވާ އެލާގޯ ބްރޭންޑްގެ ސިޓްރަޒިން ގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) ހިމެނޭތީ އެ ބޭސް ރާއްޖެ އެތެރެކުރުން މަނާކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑީއީޖީ އަދި އީޖީ ހިމެނޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮށްފައިވާ އެލާޓްތަކާ ގުޅިގެން ރާއްޖެއިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިއަދު އެމްއެފްޑީއޭއިން ބުނީ އެ ބޭހުގެ އިތުރު ބެޗުތައްވެސް ސްކްރީންކުރިއިރު ހުރިހާ ބެޗެއްގައިވެސް ގްލައިކޯލް (ޑީއީޖީ) އަދި އިތަލީން ގްލައިކޯލް (އީޖީ) ހުރިކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބޭހުގެ އެލާގޯ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ވަނީ މި ބޭސް ވިއްކާ، ބޭސް ގަންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ވަނީ އިލްތިމާސްކޮފައެވެ.