English Edition
Dhivehi Edition

އިސްރާއީލުން ކުރާ ހަނގުރާމައިގެ އެންމެ ބޮޑު މަޤުސަދަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތާލުން ކަމަށާއި އެ މަޤުސަދު ހާސިލް ނުވަނީސް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާ ނުލާނޭ ކަމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ބުނީ ނިމިގެން ދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ނުރައްކާތެރި ކުއްލި ހަމަލާގެ ސަބަބުން އިސްރާއީލުގެ ރައްޔިތުން ވަރަށް ބޮޑަށް ނަފްސާނީވެ، ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި އެހެން ކަމުން އިތުރަށް މިފަދަ ކަމެއް ކުރިމަތިނުވާނޭ ހެން ހަމާސް ޖަމާއަތް މުޅިން ނެތިކޮށް ނުލައި މިހާރު ކުރަމުން ގެންދާ ހަނގުރާމަ އަށް މަޑުޖެހުމެއް ނާންނާނޭކަމަށް އޭނާ ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ހަމާސް އާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ މައިގަނޑު ދެ ބޭނުމެއް އެބަ އޮތް ކަމަށާއި އެއް ބޭނުމަކީ ހަމާސްއިން ހައްޔަރުކޮށްފައިވާ އަސީރުން މިނިވަން ކުރުން ކަމަށެވެ. އަދި އަނެއް ބޭނުމަކީ ހަމާސް ޖަމާއަތް ދުނިޔެއިން ވެސް ފޮހެލުންކަމަށެވެ.

” ހަމާސްގެ އެއްވެސް މީހަކު ހުރިހާ ހިނދަކު މިހާރު ކުރަމުން ގެންދާ ހަނގުރާމައަށް ނިމުމެއް ނާންނާނެ. ހަމާސް އެކުއެކީ ނައްތާލާފައި ނޫނީ ހަނގުރާމަ ނުހުއްޓާނަން.” ނަތަން ޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫ އިތުރަށް ބުނީ މިހާރު ހިނގަމުންދާ ހަނގުރާމައަށް ފަހު ޣައްޒާގެ ސަލާމަތީ އެންމެހާ ކަންކަން ބަލަހައްޓަމުން ގެންދާނީ އިސްރާއީލުގެ އަސްކަރިއްޔާއިން ކަމަށާއި އެހެން އެއްވެސް ބައެއްގެ ބާރުވެރިކަމާއި ނުފޫޒު ޣައްޒާއަށް ނުފޯރުވޭނޭ ކަމަށެވެ.

އިސްރާއީލުން ހަމާސް އާއި ދެކޮޅަށް އިއުލާނު ކުރި ހަނގުރާމަ އަށް މިހާރު 34 ދުވަސް ވެފައިވާއިރު، މި ހަނގހުރާމައިގައި އިސްރާއީލުން ހަމަލާތައް އަމާޒުކުރަމުން ގެންދަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނަށެވެ. އެ ގޮތުން އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށާއި ހޮސްޕިޓަލްތަކާއި އަދި ސްކޫލްތަކާއި ކާބޯތަކެތި ވިއްކާ ހުރިހާތަނަކަށް ބޮމުގެ ހަމަލާތައް ދީ އެތަންތަން މިހާރުވަނީ ސުންނާފަތި ކޮށްލާފައެވެ.

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11078 މީހުން ވަނީ ޝަހީދުވެފައެވެ.