އެމްޑީޕީ އަކީ މި ވަގުތަށް ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށްފި ނަމަ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭނެކަމަށް އެމްޑީޕީ އިން ބުނެފައިވާ ކަމަށެވެ.
“މި ބާވަތުގެ މައުލޫމާތު ނުދަންނަވާ އިނުން ރަނގަޅު ނޫން. އެމްޑީޕީން ނިޒާމީ ވޯޓަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ޝަރުތަކާ އެކު ދީފައިވޭ” ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން މިކަމާ ގުޅޭ ސިޓީއެއް ވެސް ޑިމޮކްރެޓްސް އިން ހޯދާފައިވާކަމަށާ އެހެންނަމަވެސް އެމްޑީޕީ އިން އެ ސިޓީ އަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ މި ވަގުތަށް ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫންކަމަށާ އެހެންނަމަވެސް ކަން ހިނގާފައިވާ ގޮތް ހާމަކޮށްދިނީ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ އަށް ބަދަލުކުރުމަށް ކެމްޕެއިން ކުރަމުން އަންނައިރު އެމްޑީޕީގެ ގިނަ މެންބަރުން އަންނަނީ މިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.