English Edition
Dhivehi Edition

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަނެއްކާވެސް ޖުމްހޫރީޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވަން ނިންމަވައިފިއެވެ.

އޭނާ ވިދާޅުވީ ޖޭޕީއަށް ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި ކަމަށެވެ. އޭނާ އެޕާޓީއަށް ސޮއިކުރައްވަނީ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް އެހީތެރިވުމަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

“ދެހާސް އަށާރައިގެ ރިޔާސީ އިންތިޚާބަށް ޖުމްހޫރީޕާޓީ ތައްޔާރުވުމުގައި އެހީތެރިވުމަށް ޓަކައި އަޅުގަނޑު ޖޭޕީއަށް ސޮއިކުރުން އަންނަ ހަފްތާގައި އޮންނާނެ،” އުމަރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އުމަރު ނަސީރުވަނީ ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ. އުމަރު ހޯމްމިނިސްޓަރަކަށް ހުންނެވީވެސް ޖޭޕީގެ ސްލޮޓެއްގައެވެ. އެހެންނަމަވެސް ފަހުން އޭނާވަނީ ޕީޕީއަށް ސޮއިކުރައްވައިފައެވެ. މިފަހަރު ޖޭޕީއަށް ސޮއިކުރައްވަނީ ޕީޕީއެމްއިން ވަކިކުރައްވައިފައި ހުންނަވަނިކޮށްނެވެ.

އުމަރު ވިދާޅުވީ މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތްގޮތަށް ބެއްލެވުމަށްފަހު އެޅުއްވި ފިޔަވަޅެއް ކަމަށެވެ. މި ނިންމެވުން ނިންމެވީ ޖޭޕީއާއި އަދިވެސް ސިޔާސީ އެހެން ބޭފުޅުންނާއެކު މަޝްވަރާތަކެއް ކުރެއްވުމަށްފަހުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރިމަތިލެއްވޭނެ މަގު ހުޅުވިއްޖެ ކަމަށްވާނަމަ ގާސިމްގެ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ. “ގާސިމަށް ފުރުސަތު ނުލިބިއްޖެ ކަމަށްވާނަމަ ޖޭޕީގެ ޓިކެޓް ހޯދަން އަޅުގަނޑު ކުރިމަތި ލާނަން،” އުމަރު ވިދާޅުވިއެވެ.