English Edition
Dhivehi Edition

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ޤަތުލުއާންމުތަކުގެ ފަހަތުގައި އެންމެ އިސްދައުރެއް އަދާކުރަމުން ގެންދާ އެމެރިކާގެ ނޭވީ ހަނުގުރާންމަތީ މަނަވަރުތައް ޔަމަނުގެ އައްސޭރިފަށަށް ގެންނަން އުޅޭ ކަމުގެ ޚަބަރު ލިބިއްޖެ ކަމަށާއި އެއީ އުފާވެރި ޚަބަރެއް ކަމަށް ޔަމަނުގެ އަންސަރަالله ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ހޫތީންގެ ތަރުޖަމާނު މުހައްމަދު އަލް ބުޚައިތީ ވިދާޅުވެއްޖެއެވެ.

އަންސަރަالله ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ތަރުޖަމާނު މުހައްމަދު އަލް ބުޚައިތީ ވިދާޅުވީ އެމެރިކާގެ ނޭވީ ހަނގުރާންމަތީ މަނަވަރުތައް ޔަމަނުގެ އައްސޭރިފަށަށް ގެންނަން އެމެރިކާ އިން ނިންމާފައިވާ ކަމުގެ ޚަބަރު ލިބުމުން އެކަމާއި ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި އެކަމާއި އުފާކުރާ އެންމެ ބޮޑު ސަބަބަކީ އެ މަނަވަރުތައް ގޮއްވާލަން ޔަމަނަށް ފަސޭހަ ވާނެތީކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަދި ޔަމަނުގެ ކައިރިއަށް އެމެރިކާގެ މަނަވަރުތައް ހަމަ ގެންނަ އިރަށް އެ މަނަވަރުތަކަށް ހަމަލާދީ ގޮށްވާލާނޭ ކަމަށާއި ލަހެއް ފަހެއްވެސް އެކަމުގައި ނުކުރާނޭ ކަމަށް މުހައްމަދު އަލް ބުޚައިތީ ވިދާޅުވެފައިވެއެވެ.

” އެމެރިކާގެ ނޭވީ މަނަވަރުތައް ޔަމަނުގެ ކައިރިއަށް ގެންނަ ޚަބަރު އެހީ ވަރަށް އުފަލާއި އެކު. އެއީ ވަރަށް އުފާކުރަން ޖެހޭ ކަމެއް. އޭރުން އެ މަނަވަރުތައް ގޮށްވާލަން އަހަރެމެންނަށް ވަރަށް ފަސޭހަވާނެ. ހަމަ ގެންނައިރަށް ހަމަލާދީ ގޮށްވާލާނަން. އަހަރެމްނެ މިތިބީ އެފަދަ ފުރުސަތަކަށް ބަލަބަލާ.” އަންސަރަﷲ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު މުހައްމަދު އަލް ބުޚައިތީ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔަމަނަކީ އެމެރިކާ ދެކެ ބިރުގަންނަ ގައުމެއް ނޫން ކަމަށާއި ދޭ އިންޒާރަކަށް އަޒުމެއް ނުގުޑާނޭ ކަމަށެވެ. އަދި ޔަމަނުން މިހާރުވެސް ގެންދަނީ ޔަހޫދީ އިސްރާއީލަށް ހަމަލާތައް ދިނުމުގެ ވަރުގަދަ އޮޕަރޭޝަންތައް ހިންގަމުން ކަމަށް ވެސް ބުޚައިތީ ވިދާޅުވެއްޖެއެވެ.