English Edition
Dhivehi Edition

ފަލަސްތީނާއި އެކު ހުރިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން، ޖަރުމަނުގެ ފުޓްބޯޅަ ކްލަބް މައިންޒް 05 އަށް ކުޅެމުން އަންނަ ނެދަލެންޑްގެ ފޯވަޑް އަދި ވިންގާ އަންވަރު އަލް ޣާޒީގެ އެއްބަސްވުން އެ ކުލަބުން އުވާލައިފި އެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަދި ފަލަސްތީނާއި އެކު ހުރިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓާއި ގުޅިގެން އަންވަރު އެލް ޣާޒީގެ އެއްބަސްވުން މެއިންޒް އިން އުވާލިކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

މިކަމާއި ގުޅިގެން އެ ކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނެދަލެންޑްސްގެ ފޯވަޑް އަދި ވިންގާ އަންވަރު އަލް ޣާޒީ މެއިންޒްއާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާކަމަށާއި އޭނާގެ އެއްބަސްވުން އުވާލަން ކުލަބުން ނިންމީ ކުލަބުގެ އުސޫލުތަކާއި ޚިލާފަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގެ ސަބަބުންކަމަށެވެ. އަދި އިތުރު ތަފްސީލެއް ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމުތައް ކުއްވެރިކޮށް ފަލަސްތީނާއި އެކު ހުރިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކާއި ގުޅިގެން އަންވަރުގެ އެއްބަސްވުން އެ ކުލަބުން އުވާލީ އެއް ހަފްތާ ވަންދެން އޭނާ ސަސްޕެންޑްގައި ބެހެެއްޓުމަށް ފަހުގައެވެ.

އޮކްޓޫބަރު 27 ވަނަ ދުވަހު ފަލަސްތީނާއި އެކު ހުރިކަން ހާމަކޮށް އޭނާ ކުރި ޕޯސްޓުގައި ބުނެފައިވަނީ ޣައްޒާގައި އިސްރާއީލުގެ ޔަހޫދީން ހިންގަމުން ގެންދާ ޤަތުލުއާންމުތައް ކުއްވެރިކުރާ ކަމަށާއި އަދި ވީހާވެސް އަވަހަށް އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޣްއްޒާގެ ނިކަމެތި ރައްޔިތުންނާއި އެކު ހުރިކަމަށާއި އޭނާގެ ހެޔޮ ދުޢާ ފަލަސްތީނުގެ އެންމެހާ ރައްޔިތުންނާއި އެކު ވާކަމަށް ބުނެފައިވެއެވެ.

ކުލަބުން އަންވަރުގެ އެއްބަސް އުވާލުމާއި އެކު، އެކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި އޭނާ ބުނީ އެކަނި ހުންނަން ޖެހުނަސް ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލާނޭކަމަށާއި ކުލަބުގެ އެއްބަސްވުން އުވާލުމަކުން މައްސަލައެއް ނެތްކަމަށެވެ. އަދި އޭނާގެ އެއްބަސްވުން ކުލަބުން އުވާލުމުން ލިބޭ ގެއްލުމުގެ ބަދަލަށް ވުރެ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ފުރާނައިގެ އަގު ބޮޑުވެފައި މާ މުހިންމުކަމަށް އޭނާ ބުންޏެވެ.

” ކޮންމެ ގޮތަކަށް ކުލަބުން އަމަލު ކުރިޔަސް މައްސަލައެއް ނެތް. އެކަނި ހުންނަސް ޖެހުނަސް ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އަޑު އުފުލާނަން. ކުލަބުން އަހަރެންގެ އެއްބަސްވުން އުވާލި ނަމަވެސް އެކަމުން ލިބޭ ގެއްލުމަށް ވުރެ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ފުރާނަތައް މާ މުހިންމު.” އަންވަރު އަލް ޣާޒީގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އުމުރުން 28 އަހަރުގެ އަންވަރު އަލް ޣާޒީ މެއިންޒް އާއި ގުޅުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ދެ އަހަރުގެ އެއްބަސްވުމެއްގައެވެ.