English Edition
Dhivehi Edition

އެމެރިކާ އިން ދޭ އެއްވެސް އިންޒާރަކަށް ބިރުގަނެ، ޖެހިލުން ނުވާނޭ ކަމަށް ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

މިރޭ ދިން ބަސްދީގަތުމުގައި އޭނާ ވިދާޅުވީ އޮކްޓޯބަރު އަށަކުން ފެށިގެން ހިޒްބުﷲ އިން ވަނީ އިސްރާއީލު ޣާއްޒާ ހަނގުރާމައިގެ ތެރެއަށް ވަދެފައިކަމަށާއި އަދި ލުބުނާނުގެ ހިޒްބުﷲ އިން އިޒްރޭލަށް ދެމުން އަންނަ ހަމަލާތަކަކީ މުހިންމު އަދި ވަރުގަދަ ހަމަލާތަކެއްކަމަށެވެ.

އޭނާ ވިދާޅުވީ ހިޒްބުﷲ އިން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލު ފައުޖުތަކުގެ ބޮޑު ބައެއް އެ ސަރަހައްދުގައި ތާށިވެފައިވާކަމަށާއި އެއީ ޣައްޒާއަށް އަރައިގަތުމުގައިވެސް އިޒްރޭލު ފައުޖުތަކަށް ކުރިމަތިވި ބޮޑު ހުރަހެއް ކަމަށެވެ.

އިޒްރޭލާއި އެމެރިކާއަށް ހިޒްބުﷲ އިން ތަކުރާރުކޮށް އިންޒާރުތަކެއް ދީފައިވާއިރު، އެ އިންޒާރުތަކުގެ ތެރޭގައި އެމެރިކާދެކެ ހިޒްބުﷲ ބިރުގަނެ ޖެހިލުން ނުވާނޭ ކަމަށާއި ހަނގުރާމައިގާ ޣައްޒާއަށް ހަމަލާތައް ދެމުންދާ މިންވަރަކަށް ހިޒްބުﷲ އިން ވެސް އިސްރާއީލަށް ދެމުން ގެންދާ ހަމަލާތައް ހަރުކަށިވެފައި ވަރުގަދަވެގެންދާނެކަމަށެވެ.

މީގެ އިތުރުން ހަސަން ނަސްރުﷲ ވަނީ ހަމާސް އިން އޮކްޓޯބަރު ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ހަމާސް އިން އިސްރާއީލަށް ދިން އެ ހަމަލާއަކީ ހަމަ ސީދާ ފަލަސްތީނުގެ ހަނގުރާމަވެރިން ރާވާ އިންތިޒާމުކޮށް ދިން ވަރުގަދަ ހަމަލާތަކެއް ކަމަށެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ބޮޑު ސިހުމެއް ގެނުވިކަމަށެވެ.

އަދި މިހާރު އިސްރާއީލުން ޣައްޒާއަށް ވަދެގަނެ އެތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުން އަންނަ ހަނގުރާމައިވެސް އިސްރާއީލަށް ކުރިމަތިވަމުން އަންނަނީ ނާކާމިޔާބު ކަމަށް ވެސް ހަސަން ނަސްރުﷲ ވިދާޅުވިއެވެ.