English Edition
Dhivehi Edition

ތަޢާރަފް

މި ލޮބުވެތި ވަޠަނުގެ ހެވާއި ލާބައާއި، މި މުޖުތަމަޢުގެ ތަރައްޤީއާއި ކުރިއެރުމަށް ވަކާލާތު ކުރުމުގައި ދިގު މުއްދަތެއް ހޭދަކޮށް އެ ޢަޒުމުގައި ފަސްޖެހުމެއް، ވަރުބަލިކަމެއްނެތި ދެމި ހުންނެވި ސ.ހިތަދޫ ރިވަރސައިޑް މުޙައްމަދު މިރުޒާގު، މިއަދު ފަށާ ދަތުރަކީ އޭނާގެ އުފަން ރަށާއި އަތޮޅުކަމަށްވާ އައްޑޫ ސިޓީއާއި އެސިޓީގެ ލޮބުވެތި ރައްޔިތުންނަށްޓަކައި އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ފުން ލޯތްބެއްގެ ސަބަބުން ، އެފަސްގަނޑަށް އޭނާގެ ޚިދުމަތް އިހުނަށްވުރެ ބޮޑަށް ފޯރުކޮށްދިނުމުގެ މަތިވެރި މަގުސަދާއެކު ފަށާ ދަތުރެކެވެ. މިރުޒާގަކީ އިސްލާމީ ރިވެތި އަޚްލާގުގައި ހިފައިގެން އަމާނާތްތެރި ކަމާއި ތެދުވެރި ކަމުގައި ސާބިތުވެ ހުންނެވި ހުނަރުވެރި، ކެރޭ ދިވެހި ދަރިއެކެވެ.

ޤައުމީ ދިފާޢީ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތާއި ލިބުނު ކާމިޔާބީ:

މުޙައްމަދު މިރުޒާގު

 

މިރުޒާގުގެ ޢަމަލީ މައިދާނުގެ ދިގު ރާސްތާ ފެށުނީ 1988ވަނަ އަހަރު ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ގެ ޕްރައިވެޓެއްގެ ވަޒީފާއިންނެވެ. ޤައުމަށް ޚިދުމަތް ކުރެއްވުމަށް ލިބިގެންދިޔަ އެފުރުސަތާއެކު އޭނާއަށްވަނީ ޢަސްކަރީ ގިނަ ކޯސްތަކާއި ފަންނީ ހުނަރާއި ޤާބިލުކަން އިތުރު ކުރުމުގެ ގިނަގުނަ ތަމްރީނުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ފަހިވެގެން ގޮސްފައެވެ. އެގޮތުން ހެއްދެވި ބޭސިކް ޓްރެއިނިންތަކާއި ސްޕެޝަލް ޓާސްކްފޯހުގެ އިތުރަށް، ވީއައިޕީ ޕްރޮޓެކްޝަން ކޯހާއި އެންސީއޯ ކެޑާ ޓްރެއިނިން އާއި، ބޮޑީގާޑް ޓްރެއިނިންގެ އިތުރުން ވެސް ދުނިޔޭގެ އެކި ޤައުމުތަކުން އޭނާވަނީ މިލިޓަރީ އިންޖިނިއަރިން އާއި ލީޑަރޝިޕާއި، މެނޭޖްމަންޓް ދާއިރާގެ އެކި ފެންވަރުގެ ކޯސްތައް ހައްދަވާފައެވެ. މިރުޒާގު ހެއްދެވި ޒަމާނީ ހަތިޔާރާއިބެހޭ ތަމްރީނާއި އޮފިސާރސް ބޮމް ޑިސްޕޯސަލް ކޯހާއި ޕްލެޓޫން ކޮމާންޑަރސް ކޯހާއި ޔަންގް އޮފިސަރސް ޓެކްޓިކަލް ކޯހާއި ޕޮލިސް ސްޓޭޝަން މެނޭޖްމަންޓް ފަދަ ޚާއްސަ ތަމްރީނުތަކުގެ ސަބަބުން ފަންނީ ހުނަރުވެރިކަމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙާއި،އިޖްތިމާޢީ އެއްބައިވަންތަކަމާއި ދެފުށް ފެންނަ ސިޔާސަތާއި،އުފާވެރި އަމާން މުޖުތަމަޢެއް ބިނާ ކުރުމުގައި ޢަމަލުކުރަންވީ ގޮތްތަކުގެ ފުރިހަމަ ޢިލްމާއި ގާބިލްކަން އޭނާވަނީ ހޯއްދަވާފައެވެ. އެއާއެކު ޤާނޫނު ތަންފީޛުކުރުމާއި އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މިރުޒާގުވަނީ ގިނަގުނަ މަޢުލޫމާތާއި ހުނަރު ހޯއްދަވާފައެވެ.

ލިބިފައިވާ ޝަރަފުގެ އެވޯޑުތައް:

މިރްޒާޤު އެކިކުލަ ކުލައިގައި، އެކި ސިފަ ސިފައިގައި ހޯއްދަވާފައިވާ ކާމިޔާބީގެ އެވޯޑުތަކުން އޭނާގެ ޤާބިލުކަމާއި ޚިދުމަތުގެ މޮޅުކަން ދައްކުވައިދެއެވެ. އޭނާއަށްވަނީ 1988 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ދެމެދު ، ސިފައިންގެ ޚިދުމަތުގެ ކުލައާއި އަޚްލާޤީ ކުލަ، އަދި ޝަރަފުގެ ނިޝާން ފަދަ ، އޭނާގެ ހިތްވަރާއި، ނަމޫނާ އަޚްލާޤު ދައްކުވައިދޭ އެތައް މެޑެއްޔަކާއި ޝަރަފެއް ލިބިލައްވާފައެވެ. އޭގެ އިތުރުން ބައިނަލް އަޤްވާމީ ފޯރަމްތަކާއި ވިޔަފާރި ކުންފުނި ތަކުން މިރުޒާގު ވަނީ ކާމިޔާބީގެ އެތައް މެޑެއްޔެއްގެ ޝަރަފް ޙާސިލު ކުރައްވާފައެވެ.

މަދަނީ ދިރިއުޅުމަށް ރުޖޫޢުވުން :

ޢަސްކަރިއްޔާގައި ހޭދަ ކުރެއްވި ދިގު މުއްދަތުގެ ތެރޭ މިރުޒާގު ހޯއްދެވި ޢިލްމީ ޤާބިލުކަމާއި ތަޖުރިބާގެ މުއްސަނދިކަން ހިއްޕަވައިގެން އޭނާވަނީ 2005 ވަނަ އަހަރުންފެށިގެން މަދަނީ ދިރިއުޅުމަކަށް އެނބުރި ރުޖޫޢަ ވެފައެވެ. އެކަން ވެގެންދިޔައީ އޭނާގެ ދިރިއުޅުމުގެ ޙަޔާތުގެ ދަތުރުނާމާއަށް އިތުރުވި އާ ބާބެއްގެ ފެށުމަކަށެވެ.

އަމިއްލަ ކުރިއެރުމާއި ކާމިޔާބީ:

މިރުޒާގު ހޯއްދަވާފައިވާ ނަފްސުގެ ޤާބިލުކަމާއި ތަޖުރިބާގެ އަލީގައި ، 2006 ވަނަ އަހަރު ސަންރައިޒް ކޮރޯނާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެ، އޭނާވަނީ ކޯޕަރޭޓް ލީޑަރޝިޕަށް ހީވެސް ނުކުރާހާ ބޮޑު އިންގިލާބެއް ގެންނަވާފައެވެ. އޭނާގެ މޭސްތިރި ކަމުގެ ދަށުން އެ ކުންފުނި ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ގިނަގުނަ ކާމިޔާބީތައް ޙާސިލު ކުރަމުންނެވެ. ހަމައެހެންމެ 2010 ވަނަ އަހަރުން ފެށިގެން ޓްރެވަލް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނަވައިގެން އޭނާވަނީ ކާމިޔާބު ގިނަ ޕްރޮގްރާމްތަކެއް ހިންގަވާފައެވެ.

މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ހިންގެވި ކަންތައް:

2014 ވަނަ އަހަރުގެ ތެރޭ ދަރުމަވެރިއެއްގެ ގޮތުގައި ހުންނަވައިގެން މިރުޒާގު ވަނީ ހިތުގެ ދުޅަހެޔޮ ކަމަށް އިސްކަން ދެއްވައި އެރޮނގުން މީހުން އަހުލުވެރި ކުރުމުގެ ގޮތުން

ހާރޓް ކޭންޕެއް ހިންގަވާފައެވެ.

ދަމަނަވެއްޓާއި ގުޅިގެން 2014 ވަނަ އަހަރު ހިންގެވި ހާޓް ކޭމްޕް

2019 ވަނަ އަހަރު އައްޑޫގެ ކުދިބޮޑު އެންމެން ޝާމިލުވާހެން އެއް ހަފްތާގެ މުއްދަތަށް ހިންގެވި މެންޓަލް ހެލްތް ކޭންޕަކީ ހަމަ ޔަގީނުންވެސް މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަމަށް މިރުޒާގު ބަހައްޓަވާ އަހަންމިއްޔަތު ކަމުގެ ބޮޑުކަން ރަމްޒުކޮށްދޭ ހެއްކެކެވެ.

2019 ަނަ އަހަރު ހިންގެވި މެންޓަލް ހެލްތް ކޭންޕް

ވެށީގެ ސާފުތާހިރު ކަމާއި ތިމާވެށީގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޔަތުގައި މުޙައްމަދު މިރުޒާގުގެ އެއްބާރުލުމާއެކު ފެށިގެން ކުރިއަށްދިޔަ “އުތުރުސައުފު” ޙަރަކާތަކީ ތަޢުރީފު ޙައްގު މަސައްކަތެކެވެ. މޫލެކެޑެ އަވަށުގެ ޕާކުތަކާއި ހޭޅިފަށާއި މީހުން އެއްވެ އުޅޭ ސަރަޙައްދުތައް ސާފުކުރުމުގައި “އުތުރުސައުފު” ޙަރަކާތުން ވަނީ މުޅި ރަށަށް ނަމޫނާ ދައްކައިދީފައެވެ.

އުތުރު ސައުފުން ހިންގި ސާފު ކުރުމުގެ ޙަރަކާތެއްގެ ތެރެއިން

2019 ވަނަ އަހަރުން ފެށިގެން އައްޑޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އޭޑީސީ)ގެ ޚަޒާންދާރުގެ ޙައިސިއްޔަތުން މާލިއްޔަތު ބެލެހެއްޓުމާއި ބަޖެޓް ކުރުމާއި ވިޔަފާރިއަށް ބަރޯސާވާ މުޢާމަލާތްތަކާއެކު އެ ޖަމްޢިއްޔާގައި މިރުޒާގު އަދާކުރެއްވި ދައުރަކީ އައްޑޫގެ ކުރިއެރުމާއި ތަރައްޤީއަށް އޭނާ ކުރައްވާ މަސައްކަތުގެ އަލިގަދަ ހެއްކެކެވެ.

އިކޮނޮމިކް މިނިސްޓަރާއި ބައްދަލު ކުރެއްވުމުގެ ތެރެއިން

ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ވަކާލާތު ކުރުން:

އައްޑޫސިޓީއަށް ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމަށްޓަކައި ސަރުކާރުގެ އިސް ވެރިންނާއި ލީޑަރުންނާ އެކު ވަށްމޭޒުދޮށުގައި ވަރުބަލިކަމެއް، ހުއްޓުމެއްނެތި މިރުޒާގާއި އޭޑީސީގެ ބައިވެރިން ބޭއްވެވި ގިނަގުނަ ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން އައްޑޫ ސިޓީއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަނެ ގިނަ ފުރުސަތުތަކެއް ފަހިވެގެންދިޔަ ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އައްޑޫގައި ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަންސް ހުއްޓާލުމާ ގުޅިގެން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުالله މައުސޫމާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހުރިކަންބޮޑުވުންތައް ތިލަކޮށް އެކަންކަމާއި މެދު މަޝްވަރާ ކުރުމަށް ދޮރު ހުޅުވިގެންދިޔައެވެ.

 

އައްޑޫސިޓީގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރާ ބައްދަލުކުރައްވައި، އައްޑޫސިޓީގައި ހިންގަމުންދާ ކުށްތައް މަދުކުރުމަށް ވަކި ސެކިއުރިޓީ ޕްރިވެންޝަން ސްޓްރެޓެޖީ ނުވަތަ (އެސްޕީއެސް)އެއް އެކުލަވާލުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުން ދައްކުވައިދެނީ އައްޑޫ ސިޓީގެ ރައްޔިތުންނާއި މުދަލާއި ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިރުޒާގު ދެއްވާ އަހައްމިއްޔަތު ކަމުގެ ބޮޑު ކަމެވެ. މިފަދަ ސެކިއުރިޓީ ޕްރިވެންޝަން ސްޓްރެޓެޖީއެއް ފަރުމާކުރުމަށް ބާރުއެޅުމުން ދޭހަވެގެންދަނީ، ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިރުޒާގު ކުރައްވާ މަސައްކަތްޕުޅެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ސިއްހީ ޚިދުމަތާ ބެހޭ ގޮތުން އޭރުގެ ހެލްތު މިނިސްޓަރު އަބްދުالله އަމީންއާ އެކު ބޭއްވެވި ބައްދަލުވުމަކީ މުޖުތަމަޢަށް ބޭނުންވާ ސިއްޙީ ވަޞީލަތްތަކާއި ޚިދުމަތްތައް ހަރުދަނާ ކުރުމަށް މިރުޒާގު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ފުރިހަމަ މިސާލެކެވެ. މިއީ މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ހެލްތް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ޓޫރިޒަމް ޕްރޮމޯޝަނާއި ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެކު ބޭއްވެވި ބިނާކުރަނިވި ބައްދަލުވުމަކީ އިގްތިސާދީ ކުރިއެރުމާއި ތަރައްގީ ގެ ޞިނާޢަތަށް މިރުޒާގު ދެއްވާ ސަމާލުކަމުގެ އަލިގަދަ ރަމްޒެކެވެ.

އިކޮނިމިކް މިނިސްޓަރާ ބައްދަލު ކުރެއްވުން

ގަމުން ހުވަދޫއަށް ބާއްވާ ފްލައިޓް ކަނެކްޝަނާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން (އައިއޭއެސްއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، ދަތުރުފަތުރާއި ކަނެކްޓިވިޓީ ހަރުދަނާކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންކަމާމެދު މަޝްވަރާކޮށްފައިވެއެވެ.

ފަހު ކަމެއްގެ ގޮތުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް އޭރުގެ އޭއައިއޭގެ ބޯޑު މެންބަރު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޢަމްރު މުޙައްމަދު ރަޝީދާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ހަރުދަނާ ގޮތެއްގައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިރުޒާގު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ހާމަކޮށްދީ މަޝްވަރާ ކޮށްފައިވެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޢަމްރު އާއެކު ބޭއްވި ބައްދަލުވުން

ސިޔާސީ ބައިވެރިވުން:

އައްޑޫސިޓީއާއި އެސިޓީގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ މުހައްމަދު މިރުޒާގު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ސިޔާސީ ގޮތުން ގުޅިވަޑައިގަތުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ މަސްލަހަތާއި ދުޅަހެޔޮކަމަށް ސިޔާސީ ޕާޓީތަކުގެ ތެރެއިން މަސައްކަތްކުރެއްވުމުގެ ޢަޒުމާއި ސާބިތުކަން ހޯއްދެވުމަށްޓަކައި އެޅުއްވި ފުރަތަމަ ފިޔަވަޅެވެ.

މިރުޒާގުގެ ސިޔާސީ ތަޞައްވަރު:

މުޙައްމަދު މިރުޒާގުގެ ސިޔާސީ ޙަޔާތް ފެއްޓެވީ ރާއްޖޭގައި އުފެދުނު ތަރައްޤީއާއި ތަހުޒީބުގެ ފުންނާބުއުސް މޭސްތިރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ގާތް ބޭފުޅުންތަކެއް ގުޅިގެން އުފައްދާފައިވާ ޕީޕީއެމް އާއި ޕީއެންސީ އަށް ތަބާވާ މީހެއްގެ ގޮތުގައެވެ. އެހެންކަމުން މިރުޒާގު ވެގެންދާނީ ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ސިޔާސީ ފިކުރުގައިދެމި ހުންނަވައިގެން ލަނޑުދަނޑިތައް ޙާސިލްކުރުމަށް ގަދައަޅާ މަސައްކަތްކުރާނެ އާރުކާޓީއަކަށެވެ.

އޭނާގެ ސިޔާސަތު ބައްޓަން ވާނީ އައްޑޫސިޓީއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަނެ އެކަންކަމަށް ޙައްލުހޯދައިގެން އެސިޓީއަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދަރިއަކަށެވެ. ގުޅިވަޑައިގެންނެވި ޕާޓީތަކުގެ ސިޔާސީ ފިކުރުގެތެރެއިން އޭނާ އެންމެ އިސްކަމެއް ދެއްވާނީ އައްޑޫސިޓީއަށާއި އެސިޓީގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ސިޔާސަތު ތަކަށެވެ. ވަކިން ޚާއްސަކޮށް ، އިހުމާލުވެފައިވާ އައްޑޫސިޓީގެ ޚައްސާސް އެތައް މައްސަލައެއް ނަގާ ތިލަކޮށް އެކަންކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ފެށުމުގެ އާރޫޙަކާއެކުގައެވެ.

މިރުޒާގަކީ ހިތްތިރިކަމާއި އޯގާތެރި ކަމުގެ ލާމަސީލު މިސާލެކެވެ. ދާއިރާގެ ރައްޔިތުންގެ ޙާލު ބައްލަވައި އޮޅުން ފިލުއްވުމަކީ އޭނާގެ އާދައެކެވެ. ބޭނުން ޖެހިފައިވާ ފަރާތްތަކުގެ އަޑު އައްސަވައި އެ ކަންކަން ޙައްލު ކުރުމަށް މަގުފަހި ކޮށްދިނުމަކީ އޭނާ ގެ އުފަލަކަށް ހައްދަވައެވެ. މިރުޒާގަކީ އަބަދުވެސް އުފަން ރަށާއި އަތޮޅަށް ޚާއްސަ ޤަދަރަކާއި ލޯތްބެއް ދެއްވާފައިވާ ބޭފުޅެކެވެ. ރަށުގެ ހަމަ ޖެހުމާއި ސުލްޙަ މަސަލަސްކަމަށް އިސްކަން ދެއްވުމާއެކު އިޖުތިމާޢީ ޙަރަކާތްތަކަށް ޖާގަ ހުޅުވައި މުޖުތަމަޢުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެންނެވުމަކީ އޭނާގެ ލަނޑުދަނޑިއެކެވެ.

މި ހުރިހާ ސިފަތަކަކާއެކު ސިޔާސީ މަގާމަކަށް މިރުޒާގު ފައި ނެންގެވީ ދެވަނަ ބޭނުމަކު ނޫނެވެ. އައްޑޫސިޓީގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވަކާލާތުކޮށް ، ހިތްވަރާއެކު މަސައްކަތްކޮށްގެން، އުޖާލާ ކުރިމަގެއް އައްޑޫއަށް ހޯދައިދިނުމުގެ މަޤުޞަދުގައެވެ.

މިމަޤުސަދަށް ވާސިލުވުމަށްޓަކައި ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ސިޔާސަތަކަށް އިސްކަން ދެއްވައިގެން އައްޑޫސިޓީގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފާފާގަތި ކަމަށް އެދި އެންމެ ކުރީ ސަފުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަކީ މިރުޒާގުގެ ސިޔާސީ ވަޢުދެވެ.

ނިންމުން:

މުހައްމަދު މިރުޒާގުގެ ސިޔާސީ ހަޔާތުގެ ދަތުރުގެ އަމާޒަކީ އާންމު ޚިދުމަތާއި މުޖުތަމައުގެ ތަރައްގީ އާއި އައްޑޫ ސިޓީގެ ހެވާއި ލާބައަށްޓަކައި ކެނޑިނޭޅި ހިތްވަރާއެކު މަސައްކަތް ކުރެއްވުމެވެ. 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި އައްޑޫސިޓީ ހިތަދޫ އުތުރުދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ރޫޙުގައި މިރުޒާގުވަނީ އަތުކުރި އޮޅާލައްވާފައެވެ. އޭނާއަށް ލިބިލައްވާފައިވާ ޢިލްމީ ޤާބިލްކަމާއި ހޯއްދަވާފައިވާ ތަމްރީނާއި ތަޖުރިބާގެ އަލީގައި އައްޑޫސިޓީ އަށް އިންގިލާބީ ބަދަލެއް ގެންނެވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. މި ޢަޒުމުގައި ނުކުންނަވަމުން އޭނާ އައްޑޫގެ ރައްޔިތުންގެ ކިބައިން އެދޭ ހަމައެކަނި އެދުމަކީ އޭނާއަށް ތާއީދު ދެއްވައި ޕްރައިމަރީއިން ހޮއްވަވައި ދެއްވުމެވެ. ކުރިމަގުގައި އައްޑޫއަށް އުފާފާގަތިކަން ހޯއްދަވައި ދެއްވުމަށްޓަކައި ” އުޖާލާ އައްޑޫއަކަށް- މިރުޒާގު ” ހޮއްވެވުމުގެ ހުރިހާ އިޚުތިޔާރެއް އޮތީ ތިޔަ ބޭފުޅުންގެ އަތްޕުޅު މަތީގައެވެ.