ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަގޮތުން ވާދަކުރުމަށް މުޙައްމަދު މިރުޒާޤު ފޯމުހުށަހަޅުއްވައިފިއެވެ. ކޮންގްރެސް ޕާޓީއާއި ޕީޕީއެމް ހިމެނޭ — ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލީސް ޓިކެޓް ހޯއްދެވުމަށް މިރުޒާޤު ވަނީ އެ ކޯލިޝަންގެ ޕްރައިމަރީ ގައި އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާއަށް މީގެ ކުރިން ވާދަ ކުރައްވާފައެވެ. ނަމަވެސް އޭނާއަށްވަނީ ޕްރައިމަރީން ނާކާމިޔާބުވެ ޓިކެޓް ލިބޭގޮތް ނުވެފައެވެ.
މިއަދު ފޯމު ހުށަހެޅުއްވުމަށްފަހު އޭއޯ ނިއުސްއާއި ވާހަކަ ދައްކަވަމުން މިރުޒާޤު ވިދާޅުވީ ކޯލިޝަން ޕްރައިމަރީގެ ވޯޓާސް ލިސްޓުން ގިނަ ބައެއްގެ ނަން އުނިކޮށްފައިވުމާއި ، ވަގުތު ކުޑަތަންވެފައިވަނިކޮށް ލިސްޓަށް ބަދަލުގެނައުންފަދަ އެތައް ކަމެއް އުސޫލުން ބޭރުން ހިންގާފައިވާތީ އެއިންތިޚާބުގެ ސައްޙަ ކަމާމެދު ސުވާލު އުފެދޭކަމަށާއި އަމިއްލަގޮތުން ފޯމު ހުށަހެޅުއްވީ އެސަބަބުތަކަށް ރިޢާޔަތްކޮށް ދާއިރާގެ ގިނަބައެއްގެ އެދުމުގެ މަތިން އިންސާފުވެރި އިންތިޚާބެއްގައި ވާދަކުރުމަށް ކަމަށެވެ.
” އަޅުގަނޑު މިއަދު މި ނުކުންނަނީ އައްޑޫސިޓީ ހިތަދޫ އުތުރު އާއިރާގެ ގިނަޢަދަދެއްގެ ރައްޔިތުންއެދުނު އެދުމާއި އެއްގޮތަށް މި ދާއިރާ ވެއްޓިފައިމިވާ އަނދަވަޅުން ސަލާމަތް ކުރެވޭތޯ “އަފިރިންގެ ކުރިމަގަށްޓަކައި” އެންމެން ގުޅިގެން ހިތްވަރާއެކު މަސައްކަތް ކުރުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކާމިޔާބު ކުރާނަން”.
އައްޑޫސިޓީ ހިތަދޫއަށް އުފަން މުޙައްމަދު މިރުޒާޤުގެ ސިޔާސަތު ބައްޓަން ވެފައިވަނީ އައްޑޫސިޓީއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަނެ އެކަންކަމަށް ޙައްލުހޯދައިގެން އެސިޓީއަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދިނުމުގެ ރޫޙާއެކުގައެވެ. ވަކިން ޚާއްސަކޮށް އައްޑޫސިޓީއަށް މިވަގުތު އެންމެ ބޮޑުގޮންޖެހުމަކަށްވެފައިވާ ވައްކަމާއި މަސްތުވާ ތަކެއްޗާއި މާރާމާރީފަދަ އެތައް މައްސަލައެއް ނަގާ ތިލަކޮށް އެކަންކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތް ފެށުމުގެ އާރޫޙަކާއެކުގައެވެ.
މުހައްމަދު މިރުޒާގުގެ ސިޔާސީ ހަޔާތުގެ ދަތުރުގެ އަމާޒަކީ އާންމު ޚިދުމަތާއި މުޖުތަމައުގެ ތަރައްގީ އާއި އައްޑޫ ސިޓީގެ ހެވާއި ލާބައަށްޓަކައި ކެނޑިނޭޅި ހިތްވަރާއެކު މަސައްކަތް ކުރެއްވުމެވެ. މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫސިޓީ ހިތަދޫ އުތުރުދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް މިރުޒާޤު ނުކުންނެވީ އޭނާއަށް ލިބިލައްވާފައިވާ ޢިލްމީ ޤާބިލްކަމާއި ހޯއްދަވާފައިވާ ތަމްރީނާއި ތަޖުރިބާގެ އަލީގައި އައްޑޫސިޓީ އަށް އިންގިލާބީ ބަދަލެއް ގެންނެވުމުގެ ދުރުވިސްނުމާއެކުގައިކަމަށް މިރުޒާޤުވަނީ ވިދާޅުވެފައެވެ.