English Edition
Dhivehi Edition
އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނބުރާ ހޯދަން އެންގި ފައިސާގެ ތެރެއިން ދައުލަތުން އަނބުރާ ހޯދިފައިވަނީ އެންމެ 0.3 ޕަސަންޓު ފައިސާކަން ހާމަވެއްޖެއެވެ.

މިދިޔަ އަހަރު އެ ކޮމިޝަނުން ހަތްދިހަ ހަތަރު މިލިއަން އެއް ލައްކަ ފަންސާސް ނުވަ ހާސް ހަތް ސަތޭކަ ވިހި ރުފިޔާ ފަންސާސް ތިން ލާރި ދައުލަތަށް އަނބުރާ ހޯދުމަށް ނިންމިއެވެ. ނަމަވެސް ލިބިފައިވަނީ އޭގެ ދެ ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ އެއް ތިރީސް ރުފިޔާ ފަންސާސް ހަތް ލާރިއެވެ. އެއީ ގާތްގަނޑަކަށް ދައުލަތަށް ލިބެން ޖެހޭ ކަމަށް މިދިޔަ އަހަރު ކަނޑައެޅި ފައިސާގެ 0.3 ޕަސެންޓެވެ.

އޭސީސީގެ އަހަރީ ރިޕޯޓު ދައްކާގޮތުން އެ ކޮމިޝަނުގައި 999 މައްސަލައެއް ތަހުގީ ނުނިމި އެބަހުއްޓެވެ. ހުސްވި އަހަރު 220 ތަހުގީގު ފުރިހަމަކޮށްފައިވެއެވެ. އަދި 358 މައްސަލަ ބަލާފައިވޭ. ތަހުގީގު ފުރިހަމަކޮށް ދައުވާ ކުރަން ފެންނަ ކަމަށް ނިންމައި 18 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ.

މިދިޔަ އަހަރު އޭސީސީން ބަލައި ނިންމި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުމުގެ ތުހުމަތުކުރެވޭ 185 މައްސަލައާއި، ރިޝްވަތުގެ ތުހުމަތުކުރެވޭ 16 މައްސަލައާއި، ދައުލަތަށް ފައިދާ ވާން އޮތްތަނެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ތުހުމަތުކުރެވޭ 10 މައްސަލައާއި މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ 3 މައްސަލަ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ. ހުސްވި އަހަރުގައި އޭސީސީއަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ ގޯތި ގެދޮރުގެ މައްސަލައިގައެވެ.