ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ އިތުބާޜު ނެތްކަމުގެ މައްސަލަ ބުދަ ދުވަހަށް ފަސްކުރުމަށް ފަހު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް އެމްޑީޕީ އިން ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިމެނީސް އެހެން މަސައްކަތެއް ނުބޭއްވޭނެ ކަމަށް ބުނެފައެވެ،
ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް މިދިޔަ އާދިއްތަ ދުވަހު އެޖެންޑާ ކުރި ޖަލްސާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ސަލާމް ބުނުމާ ގުޅީގެން ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ. އަދި މިއަދުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، މިއަދުގެ ޖަލްސާވެސް ވަނީ ކެންސަލްކޮށްލާފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީ އިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލައިގައި ވަނީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދިފައެވެ.