English Edition
Dhivehi Edition

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަނަށް ކުޅުޖަހާ، އަޑުގަދަކުރި ފަތުރުވެރިޔާ ޕޮލިސްސްޓޭޝަން ތެރޭގައި އުޅޭތީ ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެއާޕޯޓުގައި ތަންތަނަށް ކުޅުޖަހާ، އަޑުގަދަކުރާ މައްސަލައިގައި ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ފުލުހުން ވަނީ އޭނާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ބުނެފައެވެ.

އެހެންނަމަވެސް އެ ފަތުރުވެރިޔާ މާފަންނު ޕޮލިސް ސްޓޭޝަން ތެރޭގައި ނިދާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ފުލުހުން ބުނީ އެމީހާ އެއީ ފުލުހުންގެ ބަންދުގައި ނުވަތަ ބެލުމުގެ ދަށުގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި އެމީހާ އެގޮތަށް ޕޮލިސް ސްޓޭޝަންގައި އުޅޭތީ ތަކުރާރުކޮށް ނަސޭހަތް ދީ އެގޮތަށް ކަންތައް ނުކުރުމަށް އެދިފައިވާނެ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އިމިގްރޭޝަންގެ ބަހެއް ލިބިފައި ނުވާއިރު މި މީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.