ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބޮލީވުޑްގެ ގިނަ ފިލްމުތަކަށް މިއުޒިކް ތައްޔާރުކޮށް ލަވަ ކިޔައިދީފައިވާ އާތިފް އަސްލަމް, ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފައިސާގެ އެހީގެ ގޮތުގައި ފަނަރަ މިލިއަން ރުޕީސް ހަދިޔާކޮށްފިއެވެ.
ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޕާކިސްތާނުގެ އަލް ޚިދުމަތު ފައުންޑޭޝަން މެދުވެރިކޮށް އާތިފު އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެ ފައުންޑޭޝަނުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އާތިފްގެ ފަރާތުން ވެދިން މި އެހީއާ ގުޅިގެން އަލް ޚިދުމަތު ފައުންޑޭޝަނުން އޭނާއަށް ޝުކުރުއަދާކޮށްފައިވާއިރު އާތިފު ފަދަ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެއްގެ ފަރާތުން އިންސާނިއްޔަތަށް އެހީ ފޯރުވައި ދިނުމުގެ މި ޢަމަލަކީ އޭނާގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯބި ހާމަކޮށްދިން ކަމެއްކަމުގައި އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ ސިފައިން ގާޒާއަށް ދެމުން ދާ ހަމަލާތަކުގެ އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4000 އަށްވުރެ ގިނަ ވެފައިވާއިރު ހަމަލާތަކުގައި ޒަހަމްވި މީހުންނަށް އެކަށީގެން ވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ވެސް ވަނީ ބޮޑެތި ގޮން ޖެހުންތަކާ ކުރިމަތިވެފައެވެ.