English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް (ޕެމާ) އިން އެ އިދާރާގެ މުވައްޒަފަކަށް ދޭ އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް، މެއިންޓަނެންސް ސެކްޝަންގައި މަސައްކަތް ކުރާ މުހައްމަދު ނައީމް ހޮވިއްޖެއެވެ.

މަޖިލީހުގެ ރެކްރިއޭޝަން ކްލަބުން މުޅިން އަލަށް، ފުރަތަމަ ދިން އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވީ މިއަދު އެކަމަށްޓަކައި އެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ ދަތުރު ލިބުނު ކަމުގެ ރަމްޒީ ފިލާ ވަނީ ނައީމާ ހަވާލުކޮށްފައެވެ.

ޕެމާގެ ނައިބު ރައީސް އަދި މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މިއީ ޕެމާގެ ތާރީހުގައި ވެސް މެންބަރުންނަށް އަމާޒުކޮށް މިގޮތަށް އުމްރާ ދަތުރެއް ދިން ފުރަތަމަ ފަހަރު ކަމަށެވެ. މިއީ ޕެމާގެ އިންތިހުބުގައި ވީ ވައުދެއްކަން ފާހަގަކޮށް ޒިޔާއު ވިދާޅުވީ އުއްމީދަކީ މިފަދަ އެހެން ފުރުސަތުތައް އެ އިދާރާގެ މުވައްޒަފުންނަށް ހޯދައި ދިނުން ކަމަށެވެ.

ޕެމާ އިން ފުރަތަމަ ދިން އުމްރާ ދަތުރުގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ދިނީ ކްލަބްގައި ހިމެނޭ މަޖިލީހުގެ މުވައްޒަފުންގެ ތެރެއިން މީގެ ކުރިން އުމްރާގެ އަޅުކަން ފުރިހަމަ ނުވާ މީހުންނަށެވެ. އެ ގުރުއަތުގައި 49 މީހުން ބައިވެރިވެފައިވާއިރު ގުރުއަތުން ހޮވުނު ފަރާތަށް ލިބިގެން ދަނީ 15 ދުވަހުގެ އުމްރާ ދަތުރެކެވެ.